އެމްޑީޕީ

ނަޝީދުގެ ގަރާރު ހިމަނާ އެޖެންޑާ ނެރެފި

ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ވަނީ ނިޒާމާއި ގުޅޭ ގަރާރެއް ހުށައަޅުއްވާފައި --
0%
0%
0%

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށައެޅުއްވި ގަރާރު އެމްޑީޕީގެ ކޮންގްރެސް އެޖެންޑާގައި ހިމަނާ އެޖެންޑާ އާންމުކޮށްފި އެވެ.

ކޮންގްރެސްއަށް ނަޝީދު ހުށައަޅުއްވާ ގަރާރުގައި ވަނީ ސަރުކާރުގެ އެންމެ އިސްވެރިއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިހާބުގައި އެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ބޮޑުވަޒީރު ކަމުގައި ކަނޑައެޅުމަށާއި ދައުލަތުގެ އެންމެ މަތީވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަކު ކަނޑަ އަޅާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ އިންތިހާބުގެ ވޯޓްގައި އެންމެ ގިނަ ވޯޓް ލިބޭ މީހާ ކަމަށް ކަނޑައެޅުމަށް ހުށައަޅުއްވާފައެވެ.

އަދި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ބާރުތަކާއި ބޮޑުވަޒީރަކު ސަރުކާރު ހިންގާއިރު ރައީސުލްޖުމްހޫރިއްޔާއަކަށް ލިބިދޭ ބާރުތަކާއި އަދާކުރަން ޖެހޭ މައްސޫލިއްޔަތުތައް ކަނޑައެޅުމާއި އަދި ރައްޔިތުންގެ މަޖިލީހުގައި ދާއިރާތަކުގެ މެންބަރުން ތަމްސީލުވާނޭ ގޮތްތަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓްގެ ނިސްބަތަށް ބަލާ ޕާޓީތަކަށް ހާއްސަ ކުރެވޭ "ނެޝަނަލް ލިސްޓް" ގެ މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށް ވެސް ވަނީ ހުށައަޅުއްވާފަ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދު 87 އަށް ވުރެ އިތުރު ނުވާނެ ހަމައަކުން ރައްޔިތުންްގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ހިފެެހެއްޓިފައި އޮތުމަށާއި ސަރުކާރު ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެކުލަވާލެވޭ ވަޒީރުންގެ މަޖިލީހަކުން ކަމަށް ކަނޑައެޅުމަށާއި އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދަކީ ފަސް ފަނޑިޔާރުން ކަަމަށް ކަނޑައެޅުމަށްވެސް ވަނީ ހުށައަޅުއްވާފައެވެ.

ނަޝީދުގެ ގަރާރުގައި ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ގެންނަ ބަަދަލުތައް ކަނޑައެޅުމަށާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އަސާސީ ސިފަތައް ގާނޫނު އަސާސީގައި ކަނޑައެޅުމަށްވެސް ވަނީ ހުށައަޅުއްވާފައެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި ރާއްޖޭގައި ފެންނަން އޮންނަނީ ބަރުލަމާނީ ނިޒާމެއް ކަަމަށް ފާސްވެއްޖެ ނަމަ ގާނޫނު އަސާސީއަށް މި ބަދަލުތައް ގެނައުމަށް ވަނީ އެދިވަޑައިގެންފައެވެ.

ނަމަވެސް ރައީސް ސޯލިހް ވަނީ ނަޝީދުގެ ގަރާރަށް ތާއީދު ނުކުރައްވާ ކަމަށް ވަރަށް ސާފު ބަހުން ވިދާޅުވެފައެވެ. ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލުމަށްވެސް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އެދިވަޑައިގެންނެވީ ނަޝީދު ހުށައެޅުއްވި ގަރާރު އަނބުރާ ގެންދެވުމަށެވެ. ނަމަވެސް ނަޝީދު ވަނީ ގަރާރު ގެންދެވުމަށް ދެކޮޅު ހައްދަވާފައެވެ.

އެހެން ކަމުން ކޮންގްރެސް އެޖެންޑާގައި ގަރާރު ވަނީ ހިމަނާފައެވެ. ރާރު އެޖެންޑާ ކޮށްފައިވަނީ ކޮންގްރެސްގެ ފަހު ދުވަސް ކަމަށްވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 1:30 އިން 3:30 އަށެވެ. އެއީ ކޮންގްރެސްގެ އެންމެ ފަހު އައިޓަމެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910