ބަރުލަމާނީ ނިޒާމް

ބަރުލަމާނީ ގެންނަނީ ބާރުގައި ދެމި ތިބެން؟

ރާއްޖޭގެ ވެރިކަމުގެ ހިންގުން ރިޔާސީ ނިޒާމަކަށް ފުރަތަމަ ބަދަލުވެގެން އައީ ޖަނަވަރީ 1، 1953 ގައެވެ. އެ ނިޒާމުގެ ތެރެއިން ފުރަތަމަ ވެރިކަން ކުރެއްވި ބޭފުޅަކީ ރައީސް މުހައްމަދު އަމީނެވެ. ނަމަވެސް އެ ނިޒާމުގެ ވެރިކަން ހިނގައިގަންނަން ގޮތް ނުވެ ހަތް މަސް ދުވަހުގެ ތެރޭގައި އުވި ދިޔައީ އެވެ. ދެން އައީ 14 އަހަރުގެ ދިގު ރަސްކަމެކެވެ. ދެވަނަ ފަހަރަށް ރާއްޖޭގެ ހިންގުން ރިޔާސީ ނިޒާމަކަށް ބަދަލުވެގެން އައީ ނޮވެންބަރު 11، 1968 ގައެވެ. ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގަ އެވެ. އޭގެ ފަހުން މިދިޔަ އަހަރުތަކުގައި ރާއްޖޭގެ ހިންގުން އޮތީ އެ ނިޒާމުގެ ތެރޭގައެވެ.

އެތަށް އަހަރެއް ވަންދެން ރިޔާސީ ނިޒާމަކަށް ރާއްޖޭގެ ހިންގުން އޮތުމަށްފަހު ނިޒާމު ބަދަލު ކުރުމުގެ ބަހުސެއް ފެށި އަޑު ގަދަކޮށްލީ 2007 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭރު ރާއްޖެ އަށް ޑިމޮކްރަސީގެ ވަރުގަދަ ސިފަތައް އައިސް ކުލަޖެހި ނިމެނީ އެވެ. ސިޔާސީ ޕާޓީތައް އުފެދި، ގިނަ ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ ނިޒާމަކަށް އޮތް ތައްޔާރުވެފަ އެވެ. ހިޔާލުފާޅު ކުރުމާއި މިނިވަންކަން އޮތީ އިންތިހާ އަށް ފުޅާކޮށްފަ އެވެ.

އެހެން ކަމުން ރަށުތެރޭގައި އަޑުގަދަކޮށްލި ނިޒާމު ކަނޑައެޅުމުގެ ބަހުސް ބޮޑުވެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާ ހަމަަ އަށް ވެސް ދިޔަ އެވެ. ސިޔާސީ ޕާޓީތަކުން އެ ޕާޓީތަކުންް ތާއީދުކުރާ ނިޒާމެއް ނިންމާ ވަރުގަދަ ކެންޕެއިންތައް ކުރިއެވެ. އެމްޑީޕީން ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. ދެން އޭރު އުފެދިފައި އޮތް ހުރިހާ ސިޔާސީ ޕާޓީތަކުން ދެކުނީ ރާއްޖެ އަށް ފިޓް ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމެވެ. ގިނަ ރައްޔިތުން ވޯޓް ދިނީ ވެސް އެގޮތަށެވެ. އެހެން ކަމުން އެހިސާބުން ނިޒާމުގެ ބަހުސް ނިމުނީ އެވެ. ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ކަނޑައަޅާ ސިއްކަ ޖެހުނީ އެވެ.

އޭގެ ފަހުން އަލުން ނިޒާމު ބަދަލުކުރުމުގެ ބަހުސް ފެށިފައި ވަނީ 2018ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެވެ. މި ފަހަރު ވެސް ބަހުސް އިސްވެ ފެށީ އެމްޑީޕީންނެވެ. ހާއްސަކޮށް ރައީސް މުހައްމަދު ނަޝީދެވެ. ރާއްޖޭގައި އޮންނަން ޖެހޭނީ ބަރުލަމާނީ ނިޒާމެއް ކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ ވެސް އެ މަނިކުފާނެވެ. ރިޔާސީ އިންތިހާބުގެ ކެންޕެއިންގެ ތެރޭގައި ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވީ ވެސް އެ މަނިކުފާނެވެ.

އެ ބަހުސް ފުޅާކޮށް ވަރުގަދަ ކުރައްވަން ދޭތެރެ ދޭތެރެއިން އެމަނިކުފާނު ގެންދެވީ އެކި ވާހަކަތައް ބޭރަށް ނެރުއްވަމުންނެވެ. އެންމެ ފަހުން ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން ވެސް އަންގަވާފައެވެ.

ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވި އެވެ. ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައިވަނީ ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ.

ރައީސް ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރެއްވުމަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވުމަށެވެ.

ނަމަވެސް އެ މެސެޖަށް ރައީސް ސޯލިހުގެ ފަރާތްޕުޅުން އައީ ފިނި ޖަވާބެކެވެ. އެމަނިކުފާނު އޭރު ވިދާޅުވި ގޮތުން ވެރިކަމުގެ ނިޒާމު ބަދަލުކުރާނަމަ އެކަން ކުރެވޭނީ ރައްޔިތުންނަށެވެ. އަދި އެކަމަށް އިސްވެ މަސައްކަތް ކުރައްވަން އެމަނިކުފާނަށް ވަގުތެއް ނެތެވެ.

އެކަމާއި ގުޅިގެން ނަޝީދު އިއުލާނު ކުރެއްވީ 2023 ގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ފަސޭހަކޮށް ނަންގަވާނެ ކަމަށް ވިދާޅުވިއެވެ. އަދި އިންތިހާބުން ކާމިޔާބު ހޯއްދަވާ ނިޒާމު ފުރޮޅާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެހިސާބުން ދެން އައީ ނަޝީދުގެ ވަފާތެރިންގެ ޕެޓިޝަނެކެވެ. ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ކަމަށް ބުނާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ތައްޔާރު ކުރަން ފެށި ޕެޓިޝަނަށް ގިނަ ބައެއްގެ ސޮއި ހޯދުމުގެ މަސައްކަތް މިހާރުވެސް އެބަ ހިނގައެވެ.

އެ މަސައްކަތް ކުރިއަށް ދަނިކޮށް ކުއްލި ގޮތަކަށް ރައީސް ނަޝީދު ވަނީ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާތަކެއް ހިންގަވާފައެވެ. ގާސިމްގެ އަމިއްލަފުޅު ރިސޯޓްގައި ހުންނަވަނިކޮށް ވަޑައިގެން އެމަނިކުފާނާއި ބައްދަލު ކުރައްވާ ފޮޓޯ އާންމު ކުރެއްވިއެވެ. އަލަށް އުފެދުނު އެމްއެންޕީގެ ވެރިންނަށް ދައުވަތު ދެއްވައި މަޖިލީހުގައި ބައްދަލު ކުރެއްވިއެވެ. ތަފްސީލެއް ނުދެއްވާ އިދިކޮޅުގެ މަޖިލީސް މެންބަަރުންނަށް ދައުވަތެއް ދެއްވާ ބައްދަލުވުމެއް ކުރިއަށް ގެންދަވަން މަސައްކަތް ކުރެއްވިއެވެ. ސިޔާސީ އުކުޅު ބޭނުން ކުރައްވާ އެ ބައްދަލްވުންތަކުގެ ފޮޓޯތައް އާންމު ކުރެއްވިއެވެ. އަދި ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ޕާޓީތަކާއެކު މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގައިވެސް ނަޝީދު ވަނީ ބަރުލަމާނީގެ ވާހަކަ ދައްކަވާފައެވެ. ފަހުން ރާގު ބަދަލު ކުރައްވާ ވިދާޅުވީ ބޮޑުވަޒީރަކަށް އެންމެ ރަނގަޅީ ގާސިމް އިބްރާހިމް ކަމަށެވެ.

އެ ފަހުން މި މަހުގެ ނުވަވަނަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްއަޕް ގުރޫޕަށް ނަޝީދު މެސެޖެއް ދޫކޮށްލެއްވިއެވެ. އެ މެސެޖްގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި ނިޒާމީ ވޯޓް ނެގުން އަންނަ އަހަރުގެ ނޮވެންބަރު ގައި އޮންނާނެ އެވެ. އަދި އެ ވޯޓަށް ސިޔާސީ ޕާޓީތަކުން އެއްބަަސްވާ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުން 2022 ގައި ވޯޓް ނެގި ނަމަވެސް ރަސްމީކޮށް ބަރުލަމާނީއަށް ފުރޮޅާލުން އޮންނާނީ 2023 ގައެވެ.

އެ މަސައްކަތް އެމްޑީޕީން ކުރަަންޖެހޭ ސަބަބުވެސް ނަޝީދުގެ މެސެޖްގައި ވިދާޅުވިއެވެ. ވިދާޅުވީ ރައީސް ސޯލިހްއާ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށްވުރެ ރަނގަޅު ގޮތަކީ އެއީ ކަމަށެވެ. މެންބަރުން އެކަމާ ވިސްނާ ވަޑައިގަތުމަށްވެސް ނަޝީދު އެދިވަޑައިގަތެވެ.

"ބޭފުޅުން ވިސްނަވާ. ރައީސުލްޖުމްހޫރިއްޔާ އާއި އަޅުގަނޑާ ވާދަކުރާ ޕްރައިމަރީއެއް ނުވަތަ އިންތިހާބަކަށް ވުރެން މި ގޮތް ރަނގަޅުވާނެ ކަމަށް ފެންނަނީ. މިކަމުގައި ގައުމީ މަޖިލީސް ބައިބައި ނުވުން ވަރަށް އެދެން. ފުންކޮށް ވިސްނާލީމަ މިއީ ޕާޓީއަށާއި ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނޭ،" ނަޝީދުގެ މެސެޖްގައި ވަރަށް ސާފުކޮށް ވިދާޅުވެފައިވެއެވެ.

ވަރަށް ގިނަ ބައެއްގެ ނަޒަރުގައި މި މެސެޖަކީ ބަރުލަމާނީ ގެންނަން ނަޝީދު ކުރައްވާ މަސައްކަތުގެ ހަގީގީ ސަބަބުތައް ސާފުކޮށްދިން މެސެޖެކެވެ. މީގެ ކުރީން ބަރުލަމާނީ ގެންނަނީ ގައުމާއި ރައްޔިތުންގެ ލާބައަށް ކަމަށް ވިދާޅުވި ނަމަވެސް ޕާޓީގެ އިސް މެންބަރުންނަށް އެތެރެއިން ފޮނުއްވާލެއްވި މި މެސެޖެއް ބުނެދެނީ އެހެން ވާހަކަތަކެކެވެ.

ބޭފުޅުން ވިސްނަވާ. ރައީސުލްޖުމްހޫރިއްޔާ އާއި އަޅުގަނޑާ ވާދަކުރާ ޕްރައިމަރީއެއް ނުވަތަ އިންތިހާބަކަށް ވުރެން މި ގޮތް ރަނގަޅުވާނެ ކަމަށް ފެންނަނީ. މިކަމުގައި ގައުމީ މަޖިލީސް ބައިބައި ނުވުން ވަރަށް އެދެން. ފުންކޮށް ވިސްނާލީމަ މިއީ ޕާޓީއަށާއި ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނޭ
މުހައްމަދު ނަޝީދު | އެމްޑީޕީގެ ރައީސް

އެއް ކަމަކީ ބާރުގަައި ނުވަތަ މަގާމުގައި ހުންނެވުމަށް ބޭނުންފުޅުވާ މިންވަރެވެ. ކުރީން ވިދާޅުވީ 2023 ގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އެ އިންތިހާބު ފަސޭހަކޮށް ނަންގަވާނެ ކަމަށެވެ. އަދި ރައީސް ސޯލިހު ދެވަނަ ދައުރެއްގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިނުވާ ކަމަށެވެ، ނަމަވެސް އެ ފަހުން އެމްޑީޕީގެ އެތެރޭގެ ކޮންމެ އިންތިހާބަކުން ނަޝީދު ނެރުއްވާ ޓީމު ބަލިވެ އެމަނިކުފާނުގެ ވިސްނުންފުޅަށްވުރެ އިސް ލީޑަރުގެ ވިސްނުންފުޅު ހިނގާ މިންވަރު ބޮޑުވެ އިތުރުވިއެވެ.

މިފަހަރުގެ މެސެޖްގައި ރައީސް ސޯލިހާއެކު ޕްރައިމަރީއެއް ވާދަކުރުން ރަނގަޅު ނޫން ކަމަށް އެ ވިދާޅުވީ ދެ ސަބަބެއް އޮވެގެން ކަމަށް ބެލެވެއެވެ. އެއް ސަބަބަކީ އެކަމުގެ ސަބަބުން އެމްޑީޕީއަށް ވެދާނެ ގޮތެވެ. މިހާރު އޮތް ބައިބައިވުން ބޮޑުވެދާނެތީއެވެ. ނޫނީ އިންތިހާބުން ބަލިވުމުގެ ބިރު އޮތުމެވެ.

އެހެންވީމަ އެއީ އޮތް ޗޮއިސްއެއް ނޫން ކަމަށް ގަބޫލު ކުރެއްވީއެވެ. އެހެންވީމަ ބަރުލަމާނީއަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލާ ދެ ރައީސުންނަށްވެސް ފައިދާ ހުރި ގޮތް ގައުމީ މަޖިލީހުގެ މެންބަރުންނަށް ވިސްނަވައިދެއްވީއެވެ. ނަމަވެސް މިއީ ކުރީން ދައްކަވަމުން ވަޑައިގެންނެވި ވާހަކަތަކާއި މުޅީން ތަފާތު ވާހަކަތަކެކެވެ. ފުށުއަރާ ވާހަކަތެކެވެ.

މިފަހަރު ބަރުލަމާނީގެ މޮޅު ވާހަކައެއް ނެތެވެ. އެ ނިޒާމުން ގައުމާއި ރައްޔިތުންނަށް އޮތް ފައިދާގެ ވާހަކަ އެއް ނެތެވެ. އޮތީ އެކަން ނުކޮށްފިނަމަ އެމްޑީޕީއަށް އޮތް ގެއްލުމުގެ ވާހަކަ އެވެ. ނިޒާމު ފުރޮޅާލުމުން ދެ ރައީސުންނަށް އޮތް ފައިދާގެ ވާހަކަ އެވެ.