ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ފުރުސަތު ނުދީފިނަމަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ނުނުކުމެވޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގެ މިއަދުގެ ހެނދުނު ދަންފަޅި ފެށުމުގެ ގޮތުން ކުރެއްވި ތަގުރީރުގައެވެ. އެމަނިކުފާނު ވަނީ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ހިންގުން ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދުވެސް ތަކުރާރު ކުރައްވާފައެވެ.
އަދި އެމްޑީޕީއަށް އޮތް ތާއީދު އެގޮތުގައި ދަމަހައްޓާ މުޅި ޕާޓީ އެކުގައި ކުރިއަށް ދެވެން އޮތް ހަމައެކަނި ގޮތަކީ ނިޒާމީ ވޯޓަކަށް ފުރުސަތު ނުދިނުން ކަމަށް ވިދާޅުވިއެވެ. އެމްޑީޕީ އެކުގައި އޮވެ ނިކުމެއްޖެނަމަ 112،000 ވޯޓް ލިބޭނެ ކަމަށާ ނަަމަވެސް އެ ގޮތް ދޫކޮށްލައިފިނަމަ 40،000 ވުރެ ގިނަ ވޯޓް ގެއްލޭނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިތިބި ގޮތަށް ތިބެއްޖެނަމަ އަޅުގަނޑަށް ފެންނަ ތަނުގައި އަޅުގަނޑުމެންނަކަށް 2023 ކާމިޔާބެއް ނުކުރެވޭނެ،" ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެ ނަޝީދު މިއަދުވެސް ވިދާޅުވިއެވެ.
އެމަނިކުފާނު މިއަދު ވަނީ ނިޒާމީ ވޯޓަކަށް ތަން ނުދެއްވައިފިނަމަ ނުވަތަ ނިޒާމީ ވޯޓަށް ހުރަސް އަޅުއްވައިފިނަމަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ނުހުންނެވޭނެ ކަމަށް ވަރަށް ސާފުކޮށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެމަނިކުފާނު ހުށައަޅުއްވާފައިވާ ގަރާރާއި ގުޅޭގޮތުން ގައުމީ ކޮންގްރެސް އިން ނިންމާނެ ނިންމުން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ކަންކަން ހަރާބުގެ މަގަށް ދިއުމަށް އެދިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.
ތަކުރާރުކޮށް ދަންނަވާނަން މުޅި ޕާޓީއާއެކީގައި ނޫން ގޮތަކަށް އަޅުގަނޑަކަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތިބޭފުޅުންނާ އެއްކަކު ނުނުކުމެވޭނެ،" ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައިު 2007 ގައި ރައްޔިތުންގެ މައްޗަށް ރިޔާސީ ނިޒާމެއް ގެނައީ މަޖުބޫރު ކުުރުމެއްގެ ތެރެއިންނެވެ. އެ އަހަރު ބޭއްވުނު ފެންނަ ނުފެންނަ ވޯޓް ނަތީޖާ އޭރު އޮތް ކޮމިޝަނުން ބަދަލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.