ބަރުލަމާނީ ނިޒާމް

ބަރުލަމާނީ ޕެޓިޝަނުން ބަޔަކު ސިހޭނެ

Sep 20, 2021
4

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ތައްޔާރު ކުރަން ފަށާފައިވާ ޕެޓިޝަނަށް އަންދާޒާ ކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ މަސައްކަތް ހިންގާ ޓީމުން ބުނެފި އެވެ.

މި ކެންޕެއިންގައި އިސްކޮށް ހުންނެވި ގާނޫނީ ވަކީލް މުހައްމަދު ނިޝާމް އިބްރާހިމް އަވަސްއަށް ވިދާޅުވީ 90 ދުވަސްތެރޭ ނިންމަން އަމާޒު ހިފި ޕެޓިޝަނަށް ތަރުހީބު ބޮޑުވެ އަަތޮޅުތަަކަށް ހާއްސަ ދަތުރުތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ވަގުތު އޮތް މިންވަރަކުން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ނިޝާމް ވިދާޅުވީ ބަރުލަމާނީ ޕެޓިޝަނަށް ރައްޔިތުންގެ ތެރޭ އޮތީ އާދަޔާ ހިލާފު ބޮޑު ތާއީދެކެވެ. ޕެޓިޝަންގައި ލައްކައަށްވުރެ ގިނަ މީހުން ސޮއިކުރާނެ ކަމަށް މިހާރު ވެސް ބެލެވިފައިވާ ކަމަށެވެ.

"ބަޔަކު ސިއްސައިގެންދާ ލެވެލްއަކަށް މި ޕެޓިޝަން ގެންދެވިދާނެ ކަމަށް އަޅުގަނޑުމެން މިހާރު ގަބޫލު ކުރަނީ. ވަރަށް ގިނަ ބަޔަކު ކޮންމެ ދުވަހަކު ޕެޓިޝަންގައި ދަނީ ސޮއިކުރަމުން. އަދި އަތޮޅުތަކުން ވަރަށް ގިނަ ބަޔަކު ޕެޓިޝަންގައި ސޮއިކުރަން އެދެެމުންދާތީ އަޅުގަނޑުމެން މި ނިންމީ އައްޑޫ އިން ފެށިގެން ހއ އާ ހަމައަށް ދަތުރުތަކެއް ކުރުމަށް،"

ނިޝާމް ވިދާޅުވީ ޕެޓިޝަންގައި ރިޕީޓް ސޮއެއް ވޭތޯ ބަލަމުންދާ ކަމަށެވެ. އަދި 90 ދުވަހަށް ކުރިއަށް ގެންދަން ނިންމި މި މަސައްކަތަށް މުއްދަތު އިތުރުކުރަން ޖެހިދާނެ ކަމަށެވެ. އަތޮޅުތެރޭގެ ރަށްތަކުގެ އިތުރުން ރިސޯޓްތަކުގެ މުވައްޒިފުންވެސް ޕެޓިޝަންގައި ސޮއި ކުރަން އެދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

"އެންމެ މީހަކުވެސް މި ޕެޓިޝަންގައި ސޮއިކުރަން ބޭނުންވެފައިވާނަމަ މި މަސައްކަތް ހުއްޓާނުލާ އަޅުގަނޑުމެން ކުރިއަށް ގެންދާނަން،"

ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ތައްޔާރުކުރަން ފަށާފައިވާ ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކޮށް ދެއްވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

އަދި ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން ކުރީން ވަނީ އަންގަވާފައެވެ.

ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވި އެވެ. ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައިވަނީ ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ.

ރައީސް ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރެއްވުމަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވުމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅި ނަމަވެސް ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ މެދުގައި ވޯޓެއް ނަގައިގެން ކަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު އަނެއްކާވެސް ވަނީ ވިދާޅުވެފައެވެ.