އަބްދުﷲ ޝާހިދު

ޝާހިދުވެސް ބަރުލަމާނީއާ ދެކޮޅު ހައްދަވައިފި

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ ފައްޓަވާފައިވާ މަަސައްކަތްތަކާއި ދެކޮޅުކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ހާމަކުރައްވައިފި އެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް މަސައްކަތް ކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސްއަށް އެފަދަ ގަރާރެއް ހުށައަޅާ އެ ގަރާރު ފާސްކޮށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ފެށޭނެ ކަމަށް އެމަނިކުފާނު އުންމީދު ކުރައްވައެވެ.

ނަމަވެސް ރައީސް ސޯލިހް މިއަދު ވަނީ ނަޝީދުގެ ގަރާރަށް ތާއީދު ނުކުރައްވާ ކަމަށް ވަރަށް ސާފު ބަހުން ވިދާޅުވެފައެވެ. ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލުމަށްވެސް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އެދިވަޑައިގެންނެވީ ނަޝީދު ހުށައެޅުއްވި ގަރާރު އަނބުރާ ގެންދެވުމަށެވެ.

ރައީސް ސޯލިހްްގެ ވިސްނުންފުޅު ހާމަކުރެއްވުމުގެ މިނިސްޓަރުންނާއި މަޖިލީސް މެންބަރުން ވެސް ގެންދަވަނީ އެ ބޭފުޅުންގެ ވިސްނުން ހާމަކުރައްވަމުންނެވެ. އދ ގެ އާންމު މަޖިލީހުގެ ރިޔާސަތުވެސް ބަލަހައްޓަވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އެމަނިކުފާނު ތާއީދު ކުރައްވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ދައުލަތާއި ސަރުކާރުގެ ވެރިޔާ ހޮއްވެވުމަށް ކަަމަށެވެ.

އަޅުގަނޑު ތާއީދު ކުރަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ދައުލަތާއި ސަރުކާރުގެ ވެރިޔާ ހޮވުމަށް. ގާނޫނު ހެދުމުގެ ބާރާއި ސަރުކާރު ޒިންމާދާރު ކުރުވުން ރައްޔިތުންގެ މަޖިލީހުގައި އޮތުމަށް. އަދުލުއިންސާފު ގާއިމް ކުރުން ފަނޑިޔާރު ގޭގައި އޮތުމަށް. ގާނޫނަށް ބޯލެނބުމުގެ ސިފަ ވެރިންގެ ކިބައިގައި ހުރުމަށް
އަބްދުﷲ ޝާހިދު | ފޮރިން މިނިސްޓަރު

ކޮންގްރެސްއަށް ނަޝީދު ހުށައަޅުއްވާ ގަރާރުގައި ވަނީ ސަރުކާރުގެ އެންމެ އިސްވެރިއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިހާބުގައި އެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ބޮޑުވަޒީރު ކަމުގައި ކަނޑައެޅުމަށާއި ދައުލަތުގެ އެންމެ މަތީވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަކު ކަނޑަ އަޅާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ އިންތިހާބުގެ ވޯޓްގައި އެންމެ ގިނަ ވޯޓް ލިބޭ މީހާ ކަމަށް ކަނޑައެޅުމަށް ހުށައަޅުއްވާފައެވެ.

އަދި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ބާރުތަކާއި ބޮޑުވަޒީރަކު ސަރުކާރު ހިންގާއިރު ރައީސުލްޖުމްހޫރިއްޔާއަކަށް ލިބިދޭ ބާރުތަކާއި އަދާކުރަން ޖެހޭ މައްސޫލިއްޔަތުތައް ކަނޑައެޅުމާއި އަދި ރައްޔިތުންގެ މަޖިލީހުގައި ދާއިރާތަކުގެ މެންބަރުން ތަމްސީލުވާނޭ ގޮތްތަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓްގެ ނިސްބަތަށް ބަލާ ޕާޓީތަކަށް ހާއްސަ ކުރެވޭ "ނެޝަނަލް ލިސްޓް" ގެ މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށް ވެސް ވަނީ ހުށައަޅުއްވާފަ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދު 87 އަށް ވުރެ އިތުރު ނުވާނެ ހަމައަކުން ރައްޔިތުންްގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ހިފެެހެއްޓިފައި އޮތުމަށާއި ސަރުކާރު ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެކުލަވާލެވޭ ވަޒީރުންގެ މަޖިލީހަކުން ކަމަށް ކަނޑައެޅުމަށާއި އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދަކީ ފަސް ފަނޑިޔާރުން ކަަމަށް ކަނޑައެޅުމަށްވެސް ވަނީ ހުށައަޅުއްވާފައެވެ.

ނަޝީދުގެ ގަރާރުގައި ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ގެންނަ ބަަދަލުތައް ކަނޑައެޅުމަށާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އަސާސީ ސިފަތައް ގާނޫނު އަސާސީގައި ކަނޑައެޅުމަށްވެސް ވަނީ ހުށައަޅުއްވާފައެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި ރާއްޖޭގައި ފެންނަން އޮންނަނީ ބަރުލަމާނީ ނިޒާމެއް ކަަމަށް ފާސްވެއްޖެ ނަމަ ގާނޫނު އަސާސީއަށް މި ބަދަލުތައް ގެނައުމަށް ވަނީ އެދިވަޑައިގެންފައެވެ.