ތިލަމާލެ ބްރިޖް

ބްރިޖު މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ: އަސްލަމް

Aug 18, 2022

ތިލަމާލެ ބްރިޖުގެ މަސައްކަތުގައި ބޭނުންކުރަމުން ދިޔަ ޕްލެޓްފޯމެއް ފަރަށް އެރި ނަމަވެސް ބްރިޖުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ޕްލޭނިން މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި ބްރިޖުގެ ޕްލެޓްފޯމް މިދިޔަ އަންގާރަ ދުވަހު ވިލިމާލެ ފަރަށް އެރީ ވިލިމާލޭގެ އިރު ދެކުނު ފަޅީގައި ޖެހުމަށް ހަމަޖެހިފައިވާ ބްރިޖު ތަނބުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ޕްލެޓްފޯމްގެ ނަގިލިލާ، ޕްލެޓްފޯމު ހަރުކުރުމުގެ މަސައްކަތް ކުރަނިކޮށެވެ.

ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ބްރިޖުގެ މަސައްކަތް މަޑުޖެހިދާނެތޯ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ހާދިސާގެ ސަބަބުން ބްރިޖުގެ މަސައްކަތް ނުހުއްޓޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބްރިޖު ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ލިބުނު ގެއްލުމަށް ދޭންޖެހޭ ބަދަލެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގޮސްފާނެ ކަމަށާއި އެކަމަކު ބްރިޖުގެ މަސައްކަތް އެކަމާ ގުޅިގެންވެސް ހުއްޓިގެން ނުދާނެ ކަމަށެވެ.

"ފަރަށް ލިބުނު ގެއްލުން ބެލުމަށް އެސެސްމެންޓެއް ދަނީ ހަދަމުން. އެސެސްމެންޓުގެ ނަތީޖާ ލިބުމުން ފަރަށް ލިބުނު ގެއްލުން އެނގޭނީ. އަދި ކުރާނެ ޖޫރިމަނާވެސް އެނގޭނީ،" އަސްލަމް ވިދާޅުވި އެވެ.

ފަރަށް އަރާފައިވާ ޕްލެޓްފޯމް އަދިވެސް އެތަނުން ނެގިފައި ނުވާ ކަމަށް ކަމާ ގުޅޭ އިދާރާތަކުން މައުލޫމާތު ދީފައިވެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު -- ތިލަމާލެ ބްރިޖު އެޅުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފަ އެވެ. އިންޑިއާގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި މިމަހުގެ ދެވަނަ ދުވަހު އެ މަސައްކަތް ފައްޓަވައިދެއްވީ ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.

ތިލަމާލެ ބްރިޖު އަޅަން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗާއާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހު އެވެ. ބްރިޖު އެޅުމުގެ މަސައްކަތާ ކަމާ ގުޅޭ ސޭވާ ތަކާއި ދިރާސާތައް ވެސް ކުރަނީ އެފްކޯންސް ކުންފުނިންނެވެ.

ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރުގެ ބްރިޖު މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ދިވެހި ރުފިޔާ އިން ނަމަ މުޅި މަޝްރޫއަށް 7.7 ބިލިއަން ރުފިޔާ ވަރު ހަރަދުކުރާނެ އެވެ.