ފައްޔާޒް އިސްމާއީލް

ކޮންގްރެސް ފަސްކުރަން ޖެހޭ ސަބަބެއް ނެތް: ފައްޔާޒް

މާދަމާއިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ އެމްޑީޕީ ކޮންގްރެސް ފަސްކުރަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިހެން ވިދާޅުވީ މާދަމާ ފެށުމަށް ހަމަޖެހިފައިވާ އެމްޑީޕީ ކޮންގްރެސް ފަސްކޮށްދޭން އެދި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ކުރީގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ފޮނުވި ސިޓީއާ ގުޅިގެންނެވެ.

އާޒިމް ވަނީ ކޮންގްރެސްއަށް ގޮފިތަކުން ނޮމިނޭޓް ކޮށްފައިވާ ގިނަ މަންދޫބުންނާމެދު ސުވާލު އުފައްދާފައެވެ. އެގޮތުން އެއީ ގޮފި ގަވާއިދާ އެއްގޮތަށް އިންތިހާބު ކޮށްފައިވާ ބައެއް ނޫން ކަމަށާ އަދި ގޮފިތަކުން ކޮންގްރެސްގައި ތަމްސީލު ކުރާ މީހުންގެ މައުލޫމާތު މިވަގުތާއި ހަމައަށްވެސް ހިއްސާކޮށްފައިނުވާ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން އެފަދަ ބަޔަކު ކޮންގްރެސްގައި ބައިވެރިވެއްޖެ ނަމަ ކޮންގްރެސްގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެއްދުމަށް ޖާގަ ލިބިގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެހެން ކަމުން އާޒިމްގެ ސިޓީގައި ވަނީ ކޮންގްރެސްއަށް ނޮމިނޭޓް ކޮށްފައިވާ ގޮފިތަައް ތަމްސީލުކުރާ މަންދޫބުންގެ ގާނޫނީ ހައިސިއްޔަތާއިމެދު އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެންބަރުންގެ މެދުގައި ކަންބޮޑުވުން ފާޅުކުރަމުުންދާތީ ގޮފިތަކުން ކޮންގްރެސްގައި ބައިވެރިވާ ރައީސުންނާއި ނުވަތަ ނާއިބު ރައީސުންގެ ގާނޫނީ ހައިސިއްޔަތު ކަަށަވަރު ކުރުމަށް ފަހު ނޫނީ ކޮންގްރެސް ކުރިއަށް ނުގެންދިއުމަށް ވަނީ އެދިފައެވެ.

އެކަމާއި ގުޅޭގޮތުން ފައްޔާޒް ވިދާޅުވީ ކޮންގްރެސްއަށް 700 ވުރެ ގިނަ ގޮފި ރަޖިސްޓްރީ ކުރި ކަމަށެވެ. އޭގެ ތެރެއިން ދެތީން ގޮތްޕަކާއި ގުޅޭ ޝަކުވާ ލިބިފައިވާ ކަމަށެވެ. އެކަންކަން ބަލާނެ ކަމަށާ ނަމަވެސް އެއީ ކޮންގްރެސް ފަސް ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

މީގެ އިތުރުން ކޮންގްރެސް ފަސްކުރުމަކީ ޗެއާޕާސަންއަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި ކޮންގްރެސް ފަސް ކުރެވޭނީ ގައުމީ މަޖިލީހުން އެ ގޮތަށް ނިންމައިފި ހާލަތެއްގައި އެކަންޏެވެ. އެހެންވީމަ ކޮންގްރެސް ފަސް ކޮށްދޭން އެދުނު ނަަމަވެސް އެއީ ޗެއާޕާސަން އަށް އޮތް ބާރެއް ނޫން ކަމަށް ވިދާޅުވިއެވެ.

ކޮންގްރެސްއަށް ގޮފިތަކުން ނޮމިނޭޓް ކޮށްފައިވާ މަންދޫބުންނާމެދު ރައީސް ނަޝީދުވެސް ވަނީ ކުރީން ރޭ ސުވާލު އުފައްދަވާފައެވެ. އެމަނިކުފާނު ވަނީ ގޮފިތައް ރަޖިސްޓްރީ ކޮށްފައިވާ ގޮތާއިމެދު ސުވާލު އުފައްދަވާ އެކަމުގައި ގޯސްކޮށް އަމަލު ނުކުރެއްވުމަށް އެދިވަޑައިގެންފައެވެ.