ދުނިޔެ

އެލް ޗަޕޯ ހައްޔަރުކުރަން ޝޯން ޕެންގެ އިންޓަވިއު އެހީއަކަށްވި: އޮފިޝަލުން

މެކްސިކޯގެ އެންމެ ބޮޑު ޑްރަގް ލޯޑް އަދި އެންމެ "ވޯންޓެޑް" މީހާ ކަމުގައިވާ ޖޯކިން 'އެލް ޗަޕޯ' ގަޒްމެން ހައްޔަރުކުރުމުގެ ކުރިން ހޮލީވުޑްގެ މަޝްހޫރު ތަރި ޝޯން ޕެން އާ ބައްދަލުކޮށް އިންޓަރވިއު އެއް ދީފައިވާ ކަމަށާއި އެ އިންޓަވިއު އޭނާ ހައްޔަރުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް އޮފިޝަލުން ބުނެފި އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި މެކްސިކޯގެ ޖަންގަލީގެ ސިއްރު "ލޮކޭޝަނެއް" ގައި ނެގި މި އިންޓަވިއު ވަނީ ހަފްތާއަކު އެއްފަހަރު ނެރޭ "ރޯލިންގ ސްޓޯން" މަޖައްލާގައި ޝާއިއު ކޮށްފަ އެވެ.

މިކަމާއި ބެހޭގޮތުން މެކްސިކޯގެ އެޓާނީ ޖެނެރަލް އަރެލީ ގޮމޭޒް ވިދާޅުވީ އެލް ޗަޕޯ ވަނީ އޭނާގެ ހަޔާތުގެ މައްޗަށް ބަޔޯގްރެފިކް ފިލްމެއް ހެދުމަށް ޝައުގުވެރިކަން ފާޅުކޮށްފައި ކަމަށެވެ.

ރޯލިން ސްޓޯންގައިވާ ގޮތުން ޝޯން އާއި އެލް ޗަޕޯ ވަނީ ތަފާތު މައުލޫތަކަށް ވާހަކަ ދައްކާފަ އެވެ.

"މަސްތުވާތަކެތި މީހުން ބޭނުން ނުކުރާނަމަ މީހުން އޭގެ ވިޔަފާރިއެއް ނުކުރާނެ" ޑްރަގް ޓްރެފިކިންގ އާއި ގުޅޭގޮތުންވެސް ވާހަކަ ދެއްި މި ބައްދަލުވުމުގައި އެލް ޗަޕޯ ބުނި ކަމަށް ރޯލިން ސްޓޯންގައި ބުނެފައި ވެއެވެ.
އެލް ޗައްޕޯ' މިހާރު އެމެރިކާގެ ޖަލަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް މެކްސިކޯގެ އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.

މިދިޔަ ޖުލައި މަހު އޭނާ ހައްޔަރު ކުރިތާ 17 މަސްދުވަސް ފަހުން ޖަލުން ފިލީ އޭނާ ހުންނަ ގޮޅީގެ ފާހާނާގެ ތެރެއިން ކޮނެފައި ހުރި ޓަނަލް އެއްގެ ތެރެއިން ނުކުމެގެންނެވެ. އެ ޖަލަކީ މެކްސިކޯގެ އެންމެ ސެކިއުރިޓީ ވަރުގަދަ އެއް ޖަލެވެ. ޖަލުގައި ހުރި 1.5 ކިލޯ މީޓަރުގެ ޓަނަލަކުން ބޭރަށް ނުކުންނަށް އޭނާ ބޭނުންކޮށްފައި ވަނީ ސައިކަލެކެވެ.

އޭގެ ކުރިން 1993 އަހަރު އެލް ޗައްޕޯ ޖަލަށް ލުމުން އޭނާ ފިލާފައިވަނީ 2001 ވަނަ އަހަރު ލޯންޑްރީ ކާޓް އެއްގެ ތެރެއަށް ވަދެ ފިލައިގެންނެވެ.

މިދިޔަ ހުކުރު ދުވަހުވެސް އޭނާ ހައްޔަރުކުރުމަށް ފުލުހުންނާއި ސިފައިން އޭނާ ދިރިއުޅޭގެ ރެއިޑް ކުރުމުންވެސް އޭނާ ފިލަން މަސައްކަތް ކޮށްފައިވެ އެވެ.