އީވާ އަބްދުﷲ

ބަރުލަމާނީ ގަރާރު ފާސްވާނެ ކަމުގެ އުއްމީދު ބޮޑު: އީވާ

ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު ކޮންގްރެސްގައި ފާސްވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިރޭ ފަށާ އެމްޑީޕީގެ ކޮންގްރެސްއަށް ވަދެވަޑައިގަންނަވަމުން މީޑިއާއަށް ދެއްވި އިންޓަވިއުގައި އީވާ ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްގައި އެންމެ ފާހަގަކުރެވޭ ކަމަކަށް އޮތީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރާ މެދު ގޮތެއް ނިންމުން ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.

އީވާ ވިދާޅުވީ ގަރާރުގައި މުހިއްމު ގިނަ ކަންތައްތަކެއް ހިމަނާފައިވީ ނަމަވެސް ގަރާރުގައި ހިމެނޭ ހަމައެކަނި ބަރުލަމާނީ ނިޒާމުގެ ވާހަަކަ އެކަނި ރައްޔިތުންނަށް ސާފުވެފައި އޮތުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އޭގެ ބަދަލުގައި ބަރުލަމާނީ ނިޒާމަކަށް ދިއުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންކަމާއި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ވަރަށް ތަފްސީލްކޮށް ގަރާރުގައި ހިމަނާފައިވާ ކަމަށެވެ.

އެމްޑީޕީއަކީ އަދި އެމްޑީޕީގެ މެންބަރުންނަކީ އޭނާ ނިކަން ރަނގަޅަށް ދަންނަ ބައެއް ކަމަށް ފާހަގަކުރައްވާ އީވާ ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވާ ވަކިވަކި ބޭފުޅުން ވެސް އޭނާ ނިކަން ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ކޮންގްރެސް އަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު ފާސްވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ރައީސް ނަޝީދު ބޭނުންފުޅުވަނީ ވެރިކަމުގެ ނިޒާމާ މެދު ރައްޔިތުން ކައިރިއަށް ގޮސްގެން ރައްޔިތުންގެ ވޯޓަކުން އެކަމުގައި ގޮތް ނިންމަން ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނޫހަކަށް ދިން އިންޓަވިއުއެއްގައި އެމަނިކުފާނު ވެސް އެކަމަށް އެދިވަޑައިގެންނެވި ކަމަށާއި އެހެންކަމުން އެމްޑީޕީގެ ކޮންގްރެސްގައި ގަރާރު ފާސްކޮށް، ވެރިކަމުގެ ނިޒާމާ މެދު ރައްޔިތުން ދެކޭ ގޮތް އެހުމަށް ވޯޓަށް ދިއުމަށް ރައީސް ސޯލިހް ވެސް ފުރުސަތު ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ދަންނަ އެމްޑީޕީއެއް މިއީ. މި ކޮންގްރެސްއަށް ވަޑައިގެން މިތިއްބެވީ ވެސް އަޅުގަނޑު ދަންނަ ބައެއް. އެހެންވީމާ ރައީސް ނަޝީދުގެ ގަރާރު ފާސްވާނެ ކަމުގެ އުއްމީދުގައި މިތިއްބެވީ،" އީވާ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ގަރާރުގައިވާ ގޮތުން ބޮޑުވަޒީރު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީ އަކުންނެވެ. އެއްވެސް ޕާޓީއަކަށް އަގުލަބިއްޔަތު ނުލިބިއްޖެނަމަ މަޖިލީހުން ގޮނޑި ކާމިޔާބު ކުރާ ޕާޓީތަކާ ގުޅިގެން ސަރުކާރު އެކުލަވާލެވިދާނެ ކަމަށްވެސް ގަރާރުގައިވެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ހޮވާނީ ރައްޔިތުންގެ އާންމު ވޯޓަކުންނެވެ.

ގަރާރުގައިވާ ގޮތުން ބޮޑުވަޒީރަށް ވަޒީރުންގެ މަޖިލިސް އެކުލަވާލުމަށް ބާރު ލިބިވަޑައިގެންނެވި ނަމަވެސް ޑިފެންސް މިނިސްޓަރާއި ފޮރިން މިނިސްޓަރު އައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ލަފާ ބޮޑުވަޒީރު ހޯއްދަވާ ޖެހިވަޑައިގަންނަވަ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ގަރާރުގައި ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތާއި ޖުޑިޝަލް ސާވިސް އެކުލެވިގެންވާ ގޮތް ބަދަލުކުރަންވެސް ހުށަހަޅުއްވާފައިވެ އެވެ. އަދި ސުޕްރީމް ކޯޓުގައި ތިއްބަވަންޖެހޭ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ހިމެނުމަށްވެސް ހުށަހަޅުއްވާފައިވެ އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް އާންމު ވޯޓަކަށް ދާން ނަޝީދު ބާރު އަޅުއްވާއިރު އެ މަސައްކަތް 2007 ވަނަ އަހަރު ވަނީ ކޮށްފަ އެވެ. ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ރައްޔިތުންގެ ނިންމީ ރިޔާސީ ނިޒާމަށް ގައުމު ހިންގުމަށެވެ.