ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހިޔާލު ތަފާތުވުމަށް ޖާގަ އޮންނާނެ، ދާނީ ކުރިއަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި -- ފޮޓޯ: އަވަސް
0%
0%
0%

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގައި ހިޔާލުތަފާތުވުންތަކަށް ޖާގަ އޮންނާނެ ކަމަށް އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ފެށުމަށް މިރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވަނީ އެމްޑީޕީއަކީ ޑިމޮކްރަޓިކް ޕާޓީއެއް ކަަމަށް ވިދާޅުވެ ޕާޓީގައި ހިޔާލު ތަފާތުވުންތަކަށް އަބަދުވެސް ޖާގަ އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ އެކި ކަންކަމުގައި ހިޔާލުތަފާތުވުން އޮންނާނީ އެކި މިންވަރަށް ކަމަށެވެ. ބައެއް ކަންކަމުގައި އެންމެންނަށް އެއްބަސް ނުވެވޭނެ ކަމަށާ އަދި ބައެއް ކަންކަމާއި އެއްގޮތަކަށްވެސް އެއްބަސް ނުވެވިދާނެ ކަމަށެވެ. ނަމަވެސް އެއީ ކޮންކޮން ކަންކަމެއް އެމަނިކުފާނު ވިދާޅެއް ނުވިއެވެ.

ވިދާޅުވީ ހިޔާލު ތަފާތުވުން އޮން ނަމަވެސް ކުރިއަށްދާން ޖެހޭ ކަމަށެވެ. އެމަނިކުފާނު ވަނީ ގައުމިއްޔަތު ހިފެހެއްޓުމާއެކު ކުރިއަށް ދިއުމަށް މެންބަރުންނަށް އިލްތިމާސް ކުރައްވާފައެވެ.

"ނަމަވެސް އޮތް ހަމައެކަނި އޮތް ގޮތަކީ ތަފާތު ހިޔާލުތަކާއެކުގައި ކުރިއަށް ދިއުން،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މިދިޔަ 17 އަހަރު އެމްޑީޕީން ހޯދި ކާމިޔާބާއި ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ އުފެއްދީ ވަކި ގަބޫލުކުރުންތަކެއްގެ މަތީގައި ކަމަށާ އެ ގަބޫލު ކުރުން މަތީގައި ދެމި ތިބެން ޖެހޭ ކަމަށެވެ. މިއަދު އާދެވިފައި ތިބި ހިސާބަކީ އެތައް ބަޔަކު ކުރި ބުރަ އަދި ނުރައްކާތެރި މަސައްކަތްތަކެއްގެ ނަތީޖާ ކަމަށް ވިދާޅުވިއެވެ. އެމްޑީޕީގައިވެސް ހަރުދަނާކޮށް އަދި ރަނގަޅު ކުރަން ޖެހޭ ކަންކަން ހުންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

""ކުރެވޭ އިޝާރާތަކުން ބުނެވޭ ބަހަކުން ނުވަތަ ހީވާހީވުމަކުންވެސް މީހާގެ އަޖަލު/ އޭނާގެ ދޮރުގާ ޓަކި ޖަހާފާނެ. އެކަމަށް ވަކި އިރެއް ހިނދެއް/ މެންދުރެއް އަދި މެންދަމެއްގެ ތަފާތެއް ނެތް. ވަންނާކަށް ވަކި ގެއެއް ދައްކާކަށް ކޯޓު އަމުރެއް ފުރިހަމަ ކުރާކަށް ގާނޫނީ އިޖުރާއަތެއް އޭރަކު ނޯވޭ. މިއީ އެ ދުވަހުގެ ހާލަތު އޮތް ގޮތް. ނައްތާލަން ބޭނުންވީ މި ދެންނެވި ބިރުވެރިކަން. ބޭއިންސާފާ ލާއިންސާނިއްޔަތާ އަނިޔާ. ހަމައެކަނި މި ބަދަލަށް ބެލި ނަމަވެސް އެމްޑީޕީ އަށް/ މި ޕާޓީއަށް ނިސްބަތްވާ ކޮންމެ މެމްބަރަކަށް ހައްގުވާ ތައުރީފުގެ ކޮޅެއް ނެތް،" ރައީސް ވިދާޅުވިއެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910