އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ ސްޓާފް ނައިޓް ބާއްވައިފި

Aug 20, 2022

ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ކުންފުނީގެ ސްޓާފް ނައިޓް ރޭ ބާއްވައިފި އެވެ.

ހުޅުމާލެ ހުރަވީ ސްކޫލްގައި އެމްޑަބްލިއުއެސްސީ އިން ބޭއްވި ސްޓާފް ނައިޓްގައި އެކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ރިޓަޔާކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް ވަނީ އެވޯޑު ދީފަ އެވެ.

ސްޓާފް ނައިޓްގައި ކޮވިޑް-19ގެ ބަލިމަޑުކަމުގައި މަސައްކަތްކުރި ފެން ކުންފުނީގެ މުވައްޒަފުންގެ އަގުވެސް ވަޒަންކޮށްފައިވެ އެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ ސްޓާފް ނައިޓްގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންގެ ހުނަރު ފާހަގަކޮށް، މުވައްޒަފުން ކުންފުންޏަށް ކޮށްދޭ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުން ކަމަށެވެ.

ޝާހު ވިދާޅުވި ގޮތުގައި ފެނާއި ނަރުދަމާގެ ހިދުމަތަކީ ކޮންމެ ދުވަހަކު ވެސް ރައްޔިތުންގެ އާންމު ދިރިއުޅުމާއި ގުޅިފައިވާ މެދުކެނޑުމެއްނެތި ފޯރުކޮށްދޭން ޖެހޭ ހިދުމަތެއް ކަމަށެވެ. އަދި ކޮވިޑް-19ގެ އެންމެ ނުރައްކާތެރި ވަގުތުގައިވެސް މެދުކެނޑުމެއް ނެތި އަސާސީ ހިދުމަތްތައް އެ ކުންފުނިން ހުއްޓުމެއް ނެތި ފޯރުކޮށްދިން ކަމަށެވެ.