މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ޖަލު އޮފިސަރުން ބޮޑީ ކެމަރާ ބޭނުންކުރަން ފަށައިފި

Aug 24, 2022

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ފްރޮންޓްލައިންގެ އޮފިސަރުން ބޮޑީވޯން ކެމަރާ ބޭނުންކުރަން ފަށައިފި އެވެ.

އެމްސީއެސް އިން ބުނީ ޖަލު ތެރޭގައި ކަރެކްޝަންސްގެ އޮފިސަރުން ހިންގާ އޮޕަރޭޝަންސްތަކުގައި ވެސް ބޮޑީވޯން ކެމެރާ ބޭނުންކުރާނެ ކަމަށެވެ.

ބޮޑީވޯން ކެމެރާ ބޭނުންކުރަން ފެށުމުން ޕްރިޒަން އޮފިސަރުން މިހާރަށް ވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެ ކަމަށް އެމްސީއެސް އިން ބުނެ އެވެ.

އެމްސީއެސް އިން ބުނީ ޖަލު ތެރޭގައި ދިމާވެދާނެ ހާދިސާއެއް ތަހުގީގުކުރަންޖެހޭ ހާލަތުގައި، ބޮޑީވޯން ކެމަރާ އޮތުމުން އެ މައްސަލަ ބެލުމަށްވެސް ފަސޭހަވެގެންދާނެ ކަމަށެވެ.

ބޮޑީވޯން ކެމަރާގެ ސަބަބުން ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާއި ޕްރިޒަން އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްސީއެސް އިން ބުނެ އެވެ.

ޖަލު އޮފިސަރުން ތަޖުރިބާ ކުރުމުގެ ގޮތުން ބޮޑީވޯން ކެމެރާ ބޭނުންކުރަން ފެށީ އެމެރިކާގެ އެކްސޮން ކުންފުނީގެ ދިވެހިރާއްޖޭގެ ޑިސްޓްރިބިއުޓާ ޒެޓާ ޓެކްނޮލޮޖީސްއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން މިދިޔަ ފެބްރުއަރީ 17 ވަނަ ދުވަހުން ފެށިގެންނެވެ. ބޮޑީވޯން ކެމަރާ ތަކަކީ މުސްތަގުބަލްގައި ދާއިމީކޮށް ބޭނުންކުރާނެ ކެމަރާ ތަކެއް ކަމަށްވެސް އެމްސީއެސް އިން ބުނެ އެވެ.