މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ދެވަނަ ޓާމު ފެށެންވާއިރަށް މާލޭ ޖަލު ބަންދުކޮށްފި

ސްކޫލުތަކުގެ ދެވަނަ ޓާމުގެ ކިޔެވުން މާދަމާ ފެށެންވާއިރަށް މާލޭ ޖަލު ބަންދުކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ކަރެކްޝަންގެ ބިމުގައި ގާއިމްކޮށްފައިވާ މާލެ ޖަލު ސަރުކާރުގެ ސިޔާސަތާ އެއްގޮތައް މިއަދުން ފެށިގެން ބަންދުކޮށް ޖަލުގައި ތިބި ގައިދީން އެހެން ޖަލު ތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ޖަލު ބަންދުކުރި ނަމަވެސް އާންމުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް އެ އިމާރާތުގެ ކައުންޓަރުން ލިބޭނެ ކަމަށްވެސް ކަރެކްޝަނުން ބުންޏެވެ.

ކަރެކްޝަނުން ބުނީ މާލޭ ޖަލު ހުސްކުރަން ނިންމީ އެ ޖަލާއި ޖެހިގެން ހުރި ބިމުގައި ދަރުމަވަންތަ ސްކޫލު އިމާރާތް ކުރުމާ ގުޅިގެން އެތަނުގައި ކިޔަވާ ދަރިވަރުންނަށް ޖަލުގެ ސަބަބުން ނުރަނގަޅު އަސަރުކުރަމުންދާނެތީ ކަމާބެހޭ އިދާރާތަކުގެ މަޝްވަރާއާ އެކީގައި ކަމަށެވެ.

ކަރެކްޝަންސްގެ އިސްވެރިޔަކު މީގެ ކުރިން ވިދާޅުވީ މާލެ ޖަލު ހުސްކުރުމަށްޓަކައި ގައިދީން ބަދަލުކުރަން މާފުށީ ޖަލުގެ ބައެއް ޔުނިޓްތަކަށް ބަދަލު ގެނެސް ޖާގަ ހަދައި، އައްސޭރި ޖަލުގައިވެސް ޖާގަ އިތުރުކޮށްފައިވާ ކަމަށެވެ.

ސިއްހީ ފަރުވާއަށް މާލެ ގެންނަ ގައިދީން ބޭތިއްބުމަށާއި ކޯޓަށް ގެންނަ ގައިދީން ބޭތިއްބުމަށް ކަރެކްޝަންސްގެ މާލެ އެނެކްސް އެކެއްގެ އިމާރާތަށް ބަދަލުތައް ގެނެސް އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މާލެ ޖަލުގެ ހިދުމަތް ދޭން ފަށާފައިވަނީ 17 ޖެނުއަރީ 2008 ގައެވެ.