ހަބަރު

އިންޑިއާގެ އެހީގައި ސިޓީ ކައުންސިލާއި، ކަރެޝަންސްއަށް ވެހިކަލް ހޯދަނީ

Jun 5, 2019
5

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ތެރެއިން މާލޭ ސިޓީ ކައުންސިލްގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ބޭނުންވާ ވެހިކަލާއި މެޝިނަރީ ގަންނަން ފައިސާ ހަމަޖައްސައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާ ސަރުކާރުން ދީފައިވާ 106 މިލިއަން ދިވެހި ރުފިޔާ (6.9 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭގެ އެހީގެ ދަށުން ކަރެކްޝަންސް އަށް ބޭނުންވާ އުޅަނދުފަހަރު ގަތުމަށް އަށް މިލިއަން ދިވެހި ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން، ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތައް އެއް ތަނުން އަނެއް ތަނަށް އަވަހަށް ގެންދިއުމަށްޓަކައި އެ ބޭނުންވާ އިތުރު އުޅަނދުތައް މި ޕްރޮޖެކްޓުގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

ކަރެކްޝަންސްގެ އިތުރުން، މާލޭ ސިޓީ ކައުންސިލަށް ބޭނުންވާ މެޝިނަރީއާއި ވެހިކަލް ގަތުމަށް ވެސް އަށް މިލިއަން ދިވެހި ރުފިޔާ ފޮރިން މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.

އޭގެ އިތުރުން، ށ. ފޯކައިދޫގެ ރައްޔިތުންނަށް އަދި އަތޮޅުގެ ރައްޔިތުންނަށްވެސް ބޭނުންވާ ތަފާތު އިޖްތިމާއީ ހަރަކާތްތައް ހިންގުމަށްޓަކައި އެ ރަށުގައި ކޮމިއުނިޓީ ސެންޓަރެއް ހެދުމަށް ފަސް މިލިއަން ދިވެހި ރުފިޔާ ވަނީ މިއަދު ކަނޑައަޅައިފަ އެވެ.

އިޖްތިމާއި އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ ޕްރެޖެކްޓްތަށް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީ ދޭން އެއްބަސްވީ މިދިޔަ މާޗު މަހު އެގައުމުގެ ފޮރިން މިނިސްޓަރު ޝުޝްމާ ސުވަރޭޖް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

އެ އެހީގެ ދަށުން، ބ. ފެހެންދޫ ގެ ދަރިވަރުން ސްކޫލަށް ދިއުމަށް ބޭނުންވާ ފެރީގެ ހިދުމަށް ވަނީ ހަމަޖައްސައިފަ އެވެ. ދެ ރަށެއްގައި އައިސް ޕްލާންޓް ބެހެއްޓުމުގެ ބަޖެޓުވެސް އެ އެހީގެ ދަށުން ހަމަޖައްސާފައިވާއިރު، ހއ. އިހަވަންދޫގެ ހެލްތު ސެންޓަރުގައި އިމަޖެންސީ މެޑިކަލް ހިދުމަތް ދިނުމަށް ތަނެއް ގާއިމު ކުރުމުގެ މަޝްރޫއާއި، ރ. ކިނޮޅަހުގައި ހަ ކްލާސް ރޫމް އަދި ނ. ޅޮހީގައި ހަ ކްލާސް ރޫމް އިމާރާތް ކުރުމުގެ މަޝްރޫއުވެސް އިންޑިއާ އިން ދިން އެހީގެ ދަށުން މިހާތަނަށް ވަނީ ހަމަޖައްސައިފަ އެވެ.