ފޮރިން މިނިސްޓްރީ

އިންޑިއާގެ އެހީގައި ކަރެކްޝަނަށް ވެހިކަލްތަކެއް

Jul 14, 2021

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހޯދާފައިވާ ވެހިކަލްތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ މިއަދު ރަސްމީކޮށް ހަވާލު ކޮށްފި އެވެ.

ވާޗުއަލް ކޮށް މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި ވެހިކަލްތައް ހަވާލުކޮށްދެއްވީ ރާއްޖެއިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ވެހިކަލްތަކާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު ބްދުﷲ ޝާހިދާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅެވެ.

ކަރެކްޝަނަލް ސާވިސްގެ ދަތުރުފަތުރުގެ ހިދުމަތަށް ހުރި ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކަރެކްޝަނަށް ބޭނުންވާ އުޅަނދުފަހަރު ހޯދުމަށް އަށް މިލިއަން ރުފިޔާ ވަނީ ހަމަޖައްސާފަ އެވެ.

މި މަސައްކަތުގެ ފުރަތަމަ ބައިގެ ދަށުން ހަތަރު އެއްގަމު އުޅަނދު އިންޑިއާ އިން ހޯދައިދީފައިވާއިރު މީގެތެރޭގައި ހިމެނެނީ ތިން ވޭނާއި އެއް ކާރެވެ. ކަނޑުމަގުން ދަތުރުކުރުމަށް ސްޕީޑް ބޯޓެއް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ކުށްވެރިން އަލުން އަނބުރާ މުޖުތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ނެރެދިނުމަށް ކަރެކްޝަނަލް ސާވިސް އިން ކުރަމުންދާ މަސައްކަތްތައް ވަރަށް ބޮޑަށް ފާހަގަކުރައްވާފަ އެވެ. ކަރެކްޝަނުން ދިވެހި ރައްޔިތުންނަށް މުހިއްމު ހިދުމަތެއް ފޯރުކޮށްދެމުންދާ ކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ ކަރެކްޝަންސް ގާބިލްކަން އަދިވެސް އިތުރަށް ކުރުމަށް އެދިވަޑައިގެންފަ އެވެ.

ކަރެކްޝަނަލް ސާވިސް އަށް ވެހިކަލް ހޯދުމަކީ 2019 ވަނަ އަހަރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިއުލާންކުރެއްވި 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ހޯދާފައިވާ ވެހިކަލްތަކެކެވެ.