މާލޭ ޖަލުގައި ތިބި 200 އެއްހާ ގައިދީން އެހެން ޖަލުތަކަށް ބަދަލުކޮށްފި އެވެ.
މާލެ ޖަލުގައި ތިބި ގައިދީން ބަދަލުކުރީ ހުޅުމާލޭ ޖަލާއި މާފުށީ ޖަލު އަދި ހިންމަފުށީ ޖަލަށެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހިންގަމުން ދިޔަ މާލެ ޖަލު ހުސްކުރުމުގެ މަސައްކަތް ފަށާފައި މިވަނީ އެތަނުގައި ޖާގައަށް ވުރެ ގިނަ އިން ގައިދީން ގެންގުޅޭ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަނުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
މާލެ ޖަލާއި ޖެހިގެން ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އަޅައި އިއްޔެ އެތަނުގައި ވަނީ ކިޔަވައިދޭން ފަށާފަ އެވެ. ސަރުކާރުން މަސައްކަތް ކުރަނީ މާލެ ޖަލު ހުރި ބިން ދަރުމަވަންތަ ސްކޫލަށް ދިނުމަށެވެ.
މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް ފެށި ނަމަވެސް އެތަނުގައި އަދިވެސް 20 އަކަށް ގައިދީން ތިބި ކަމަށް މައުލޫމާތު ލިބެ އެވެ.
މާލޭ ޖަލަކީ ރިމާންޑް ޖަލެއްގެ ގޮތުގައި 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ ހުޅުވި ތަނެކެވެ.
ފުރަތަމަ މާލެ ޖަލު ބޭނުންކުރަމުން ދިޔައީ މާފުށި ޖަލުން އެކިއެކި ކަންކަމުގައި މާލެއަށް ގެންނަ މީހުން ވަގުތީ ގޮތުން ބޭތިއްބުމަށާއި، އަރުވާލުމަށް ހުކުމްކުރާ މީހުން ރަށަކަށް ބަދަލުކުރެވެންދެން ބަންދުކުރާ ތަނެއްގެ ގޮތުގައެވެ. އަދި ގޭބަންދުކުރުމަށް ހުކުމްކުރެވޭ މީހުންގެ ތެރެއިން ހަވާލުވާނެ ފަރާތެއް ނެތް މީހުން ވެސް ފުރަތަމަ ބަންދުކުރީ މާލެ ޖަލުގައެވެ.
މާލެ ޖަލުގައި މިހާރު އާންމު ގޮތެއްގައި ތިބެނީ މާފުށި ޖަލުން ސިއްހީ ފަރުވާ އަށް މާލެ ގެންނަ ގައިދީން ވަގުތީ ގޮތުން ޖަލަށް ގެންދާ މީހުންނެވެ.