ބޮލީވުޑް

އަސީންގެ ކައިވެނީގެ ފުރަތަމަ ދައުވަތު ކާޑު އަކްޝޭއަށް

Jan 11, 2016

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަސީން އާއި އިންޑިއާގެ އެންމެ ބޮޑު މޮބައިލް ކުންފުނި މައިކްރޮމެކްސް މޮބައިލްގެ ފައުންޑާ އަދި ބިލިއަނަރު ރާހުލް ޝަރްމާގެ ކައިވެނި މިމަހުގެ 23 ގައި އޮތް އިރު، މިކައިވެނީގެ އެންމެފަހުގެ ތައްޔާރީތައް ވަރަށް ބާރަަށް ކުރިއަށްދެ އެވެ.

އަސީން އާއި ރާހުލްގެ ކައިވެނީގެ ހަފްލާއަކީ ވެސް ބޮލީވުޑްގެ ނަން މަޝްހޫރު ގިނަތަރިންތަކެއް ފެނިގެންދާނެ ހަފްލާއަކަށްވީއިރު، މިކައިވެނީގެ ހަފްލާގެ ކާޑު އެންމެ ފުރަތަމަވެސް ލިބިފައިވަނީ އަސީން އާއި ރާހުލްގެ ގާތްއެކުވެރިޔާ އަދި މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރަށެވެ.

މީގެ އަހަރުތަކެއް ކުރިން ރާހުލް އާއި އަސީންއާ ދިމާވެފައިވަނީ އަކްޝޭ މެދުވެރިކޮށެވެ. އެގޮތުން އަކްޝޭއާއި އަންހެނުން ޓްވިންކަލްގެ ނަން ޖަހާފައިވާ ކާޑެއްގެ ފޮޓޯ އިންސްޓަގްރާމަށް ލަމުން އަސީން ވަނީ ކައިވެނީގެ އެންމެ ފުރަތަމަ ދައުވަތު ކާޑުލިބެން ޖެހޭނީ މިކައިވެނީގެ ބެސްޓް މެން ކަމުގައިވާ އަކްޝޭ އަށް ކަމަށެވެ.

އަސީން އާއި ރާހުލް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ހަތަރު އަހަރުވެފައިވީ ނަމަވެސް، އަސީން އަކީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންތައް ނޫސްތަކާއި ހިއްސާކުރާ މީހަކަށް ނުވުމުން ގިނަބަޔަކަށް މިކަން ނޭނގި އޮތް ނަމަވެސް، ފިލްމު އިންޑަސްޓްރީގެ ގިނަބަޔަކަށް މިދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިނގެ އެވެ.

އަސީން އާއި ރާހުލް ކައިވެނިކުރަން އުޅޭކަމުގެ ހަބަރުތައް މިދިޔަ އޮގަސްޓްމަހުގެ ތެރޭގައި ފެތުރިގެން ދިއުމާއެކު މިދެމީހުން ތަތްކުރުވާފައވަނީ އަކްޝޭ ކަމަށް ވާހަކަދެކެވުމުން އޭނާ ވަނީ އެދެމީހުންގެ ދެމެދުގައި އެއްވެސް މެޗްމޭކާއެއްގެ ރޯލު އޭނާ ކުޅެފައިނުވާ ކަމަށާއި ނަމަވެސް އެދެމީހުން އެކަކު އަނެކަކަށް އިންޓްރޮޑިއުސްކޮށްދީނީ އޭނާ ކަމަށް ބުނެފަ އެވެ.

މިދިޔަ އަހަރު ރިލީޒްވި އަސީންގެ "އޯލް އިޒް ވެލް"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަދައްކަމުން ވަނީ ކައިވެނިކޮށް، އަމިއްލަ ދިރިއުޅުމަށް ވަގުތު ހުސްކުރުމުގެ ގޮތުން ހުރިހާ ޕްރޮފެޝަނަލް މަސައްކަތްތައް ނިންމަމުންދާ ކަމަށް ބުނެފަ އެވެ. އަދި ފިލްމުތަކަށް ސޮއިކުރުން މީގެ ދެއަހަރު ކުރިން ހުއްޓާލާފައިކަމަށް ވެސް އަސީން ވަނީ ބުނެފަ އެވެ.