ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ޖަޕާނުން ދޭ ސްކޮލާޝިޕްގައި އެއްބަސްވުމުގައި ސޮއިކޮށްފި

Aug 25, 2022

ޖަޕަނީޒް ގަރާންޓް އެއިޑް (ޖޭޑީއެސް)ގެ ފަރާތުން އަންނަ އަހަރަށް ދިވެހިރާއްޖެއަށް ދޭ ސްކޮލަޝިޕް އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސްކޮލަޝިޕް އެއްބަސްވުމުގައި ސޮއި ކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަނާއި ޖޭޑީއެސްގެ ރެސިޓެންޓް ރެޕްރެޒެންޓޭޓިވް މޮޓޮ ޓަކީ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސަތުގެ ދަށުގައި ރާއްޖޭގެ މަތީ ތައުލީމީ ދާއިރާ ދުވަހުން ދުވަހަށް ފުޅާކުރަމުންދާ ކަމަށެވެ. އެގޮތުން މަތީ ތައުލީމަށް ދޫކުރާ ލޯނާއި ރާއްޖޭގެ އެކި ސަރަހައްދުގައި ގާއިމު ކުރާ ޓްވެޓް ސެންޓަރުތަކާއި ރާއްޖެއިން ބޭރުގައި ކިޔެވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ބާރުވެރިކުރުވުމަށް ގިނަގުނަ މަސައްކަތް މި ސަރުކާރުން ކުރަމުންދާ ކަމުގައި ވިދާޅުވި އެވެ.

ޖަޕާނުން ދިން ސްކޮލާޝިޕް ފުރުސަތުތަކަކީ މައިގަނޑު ތިން ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދޭ ސްކޮލާޝިޕްތަކެކެވެ. މީގެތެރޭގައި އެންވަޔަރަންމަންޓް، ކްލައިމެންޓް ޗޭންޖް އެންޑް ޑިޒާސްޓާ މެނޭޖްމަންޓާއި އިކޮނޮމިކް އެންޑް އިންޑަސްޓްރިއަލް ޕޮލިސީ ހިމެނެ އެވެ. މިސްކޮލާޝިޕްތަކަށް ދަރިވަރުން ހޮވުމުގެ ހުރިހާ މަސައްކަތްތަކެއް ކުރާނީ ސްކޮލާޝިޕް ދޭ ފަރާތުންނެވެ.

މީގެތެރޭގައި މާސްޓާ އޮފް ޕަބްލިކް ޕޮލިސީ އާއި މާސްޓާ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި މާސްޓާ އޮފް އާޓްސް އިން ޕަބްލިކް ޕޮލިސީ ހިމެނެ އެވެ. މީގެ އިތުރަށް މާސްޓާ އޮފް އާޓްސް އިން އިންޓަނޭޝަނަލް ރިލޭޝަންސް ވެސް ހިމެނެ އެވެ.

މި ސްކޮލާޝިޕާ ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި 22 އަހަރާއި 39 އަހަރާ ދެމެދުގެ މީހަކަށްވުމާ އެކު އެމީހެއްގެ އަތުގައި ބެޗްލާސް ޑިގްރީއެއް އޮންނަން ޖެހެ އެވެ. އަދި ސިވިލް ސާވަންޓެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ ދާއިމީ މުވައްޒަފަކަށް ވާންޖެހެ އެވެ. މީގެއިތުރަށް މަސައްކަތުގައި ދެ އަހަރު ދުވަހުގެ ތަޖުރިބާވެސް ހުންނަންޖެހެ އެވެ.

ޖޭޑީއެސްގެ ޕްރޮގްރާމުތަކަކީ އެއް އަހަރު ނުވަތަ ދެ އަހަރުގެ ޕްރޮގްރާމްތަކެކެވެ. މިސްކޮލަޝިޕްތަކަށް އިއުލާން ކުރާނީ މި އަހަރުގެ ފަހުކޮޅު އެވެ.

ޖޭޑީއެސްގެ ސްކޮލާޝިޕްތަކަކީ ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ޖަޕާނުން އެހީ ފޯރުކޮށްދިނުމުގެ ގޮތުންދޭ ސްކޮލާޝިޕްތަކެކެވެ. ދެހާސް ވިހިވަނަ އަހަރުން ފެށިގެން ޖޭޑީއެސްއިން ދޭ މި ސްކޮލަޝިޕްގައި މިހާރުވެސް 13 ދަރިވަރުން ދަނީ ކިޔަވަމުންނެވެ.