މިނިސްޓްރީ އޮފް އެޑިއުކޭޝަން

ހިތަދޫ ސްކޫލުގައި 12 ކްލާސްރޫމު އަޅަން ހަވާލުކޮށްފި

Aug 26, 2022
1

ސ. ހިތަދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ މަސައްކަތް ހައްލުކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މިމަސައްކަތް ހަވާލުކުރީ ނޫރައްދީން އިންވަސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށެވެ.

ނޫރައްދީނާ ހަވާލުކުރީ ހިތަދޫ ސްކޫލުގައި 12 ކުލާސްރޫމް އެޅުމަށެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މިމަސައްކަތުގެ އަގަކީ 10.9 މިލިއަން ރުފިޔާ އެވެ.

މިމަހު ނިމިގެން ދިޔަ އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ކުރިއަށް ގެންދިޔައީ 135 ކްލާސްރޫމުގެ މަސައްކަތާއި 15 މަލްޓިޕާޕަސްހޯލުގެ މަސައްކަތް ކަމަށެވެ. އަދި އެހެނިހެން މަޝްރޫއުތަކުގެ ތެރޭގައި ނިންމާލީ 64 މަޝްރޫއެއްގެ މަސައްކަތް ކަމަށެވެ.

ރައީސް ޔާމީންގެ ފަސް އަހަރުގެ ސަރުކާރާއި މިސަރުކާރުގެ ހަތަރު އަހަރާ އަޅާކިޔުއްވަމުން އައިޝަތު އަލީ ވިދާޅުވީ ރައީސް ޔާމީންގެ ދައުރުގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ހަރަދުކޮށްފައި ވަނީ 941.4 މިލިއަން ރުފިޔާ ކަމަށެވެ. އެކަމަކު މި ސަރުކާރުގެ ހަތަރު އަހަރު ތެރޭގައި އެފަދަ މަޝްރޫއުތަކަށް 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.