ސިވިލްސާވިސް ކޮމިޝަން

ސީއެސްސީން އެންގުމުންވެސް އައިމިންދިޔައަށް ވަޒީފާ ނުދިން

Sep 3, 2022
1

ކުޑަކުއްޖަކަަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އުމުރުން 59 އަހަރުގެ އައިމިންދިޔެ (އައިމިންދައްތަ) ވަޒީފާއިން ސަސްޕެންޑް ކޮށްފައި ހުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި އޭނާ ވަޒީފާއަށް އަނބުރާ ނެރުމަށާއި މުސާރަ އާއި އިނާޔަތްތައް ދިނުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެންގި އެންގުމަށް އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލުން އަމަލެއް ނުކުރި އެވެ

އައިމިންދިޔެ މަސައްކަތް ކުރަމުން ދިޔަ ހިތަދޫ ޝަރަފުއްދީން ސްކޫލުން އޭނާ ވަޒީފާ އިން ސަސްޕެންޑް ކުރީ އެޑިޔުކޭޝަން މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށެވެ.

އައިމިންދިޔެ ސަސްޕެންޑް ކުރި މައްސަލަ ސީއެސްސީން ބެލުމަށްފަހު އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަށް އަންގާފައިވަނީ އޭނާއަށް އަލުން ވަޒީފާ ދިނުމަށާއި ސަސްޕެންޑްކޮށްފައި ހުރި މުއްދަތަށް ލިބެންޖެހޭ މުސާރައާއި އިނާޔަތް ދިނުމަށެވެ. އަދި އައިމިންދިޔެގެ ސަސްޕެންޝަން އުވާލުމުގައި އަމަލުކުރި ގޮތެއް މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ 14:00ގެ ކުރިން އެންގުމަށްވެސް ސީއެސްސީގެ ސިޓީގައި އެދިފައިވެ އެވެ.

ސީއެސްސީގެ އެންގުމާ ގުޅިގެން އައިމިންދިޔެގެ އާއިލީ މީހަކު ބުނި ގޮތުގައި ކޮމިޝަންގެ އެންގުމަށް އެޑިޔުކޭޝަން މިނިސްޓްރީއާއި ޝަރަފުއްދީން ސްކޫލުން ވެސް ތަފާތު ބަހަނާތައް ދެއްކުމަށްފަހު އަމަލުކުރަމުން ނުދާ ކަމަށެވެ.

"މިއީ އަޅުގަނޑުމެން ނިކަމެތިވީމާ ކަންކުރި ގޮތެއް ކަމަށް ބެލެވޭ. އެހެން ނޫނީ ސީއެސްސީން އެންގީމާ ވަޒީފާ ނުދޭން ޖެހޭ ސަބަބެއް ނެތެންނު. ސިވިލް ސާވިސް މުވައްޒަފެއް އައިމިންދައްތަ އަކީ،" އޭނާ ބުންޏެވެ.

އައިމިންދިޔެގެ ވަޒީފާ އަލުން ހޯދުމަށްޓަކައި އޭނާ ސަސްޕެންޑް ކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވެސް ވަނީ ލާފަ އެވެ.

ހަ އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އައިމިންދިޔެ ހައްޔަރުކުރީ މިދިޔަ މާޗް 31 ވަނަ ދުވަހު އެވެ.

އައިމިންދިޔެގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އޭރު ނިންމި އެވެ. އެ ނިންމުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުންވެސް ތާއީދު ކުރި އެވެ. ނަމަވެސް އައިމިންދިޔެ ހައްޔަރުކުރީ ނުކުރާ ކުށެއްގައި ފްރޭމް ކޮށްގެން ކަމަށް ބުނެ އައްޑޫގައި ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ބަންދުގައި 22 ދުވަހު ބެހެއްޓުމަށްފަހު ދޫކޮށްލީ އެވެ. ދޫކޮށްލީ ދައުވާކުރެވޭ ވަރަށް ހެކި ނުލިބުމުންނެވެ.