ހަ އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އުމުރުން 59 އަހަރުގެ އައިމިންދިޔެ (އައިމިންދައްތަ) ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ރަގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އައިމިންދިޔެ ޝަރީއަތް ނިމެންދެން ބަންދު ކުރަން ނެރުނު އަމުރު އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. ހައިކޯޓުން މިދިޔަ މަހުގެ 20 ވަނަ ދުވަހު ނިންމީ އެ ކޯޓު އަމުރު ނެރެފައިވަނީ ރަގަޅަށް ކަމަށެވެ. އެހެންކަމުން އައިމިންދިޔެގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި އެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން އިއްވި ހުކުމުގައިވަނީ، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އައިމިންދިޔެ ބަންދުކުރަން ރިއާޔަތްކޮށްފައިވާ ނުކުތާތަކުގެ ތެރޭގައި އޭނާ އަކީ ކުޑަކުދިން ތައުލީމު ހާސިލްކުރަމުންދާ ސްކޫލެއްްގެ އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހެއް ކަމާއި ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުން އެކުއްޖާއަށް ލިބިފައިވާ ޖިންސީ އަނިޔާތައް ތާޒާކޮށް އެނގޭކަން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ހެކިބަސް ދޭން ތިބި މީހުންނަކީ އޭނާއާ އެކު މަސައްކަތް ކުރާ މީހުން ކަމަށްވާތީ އާއި އޭނާ ދޫކޮށްލައިފިނަމަ އޭނާ ބަލަހައްޓަމުންދާ 18 އަހަރުން ދަށުގެ ކުދިން އަނެއްކާވެސް މިފަދަ ކުށެއްގެ ޝިކާރައަކަށް ވެދާނެ ކަން ބަޔާންކޮށްފައިވާ ކަމަށެވެ. އެ ނުކުތާތަކަށް ފަނޑިޔާރުން ވަނީ ތާއީދުކުރައްވާފަ އެވެ.
އަމުރު ނެރުނުއިރު އަނިޔާ ލިބުނު ކުއްޖާގެ ބަހެއް ހުށަހެޅިފައި ނުވާ ކަމަށް އައިމިންދިޔެ ވަނީ ފާހަގަކޮށްފަ އެވެ. ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ބަޔާންކޮށްފައިވަނީ ކުއްޖާގެ އިންޓަވިއު ވީޑިއޯއެއް ނަގާފައިވާ ކަމަށާއި ފުލުހުން އެކުއްޖާ ދެއްކި ވާހަކަތައް ބަންދު މުރާޖާ އަޑުއެހުމުގައި ކިޔައިދީފައިވާ ކަމަށެވެ. އަދި ކުއްޖާގެ މަންމައާއި ސްކޫލު ޓީޗަރާއި މެޑިކޯ ލީގަލް ރިޕޯޓުން ވެސް އެކަން އެނގޭތީ ކުއްޖާގެ ބަޔާނެއް ނެތް ނަމަވެސް ދެން ހުރި ހެކިތަކުން ބުރަދަން ލިބޭ ކަމަށެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު އައިމިންދިޔެ ފުލުހުން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. އޭނާ ދޫކޮށްލީ އެ މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތްކަމަށް ކަނޑައަޅައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވުމުންނެވެ.
މި މައްސަލައިގައި އުމުރުން ދުވަސްވީ އަންހެން މީހާއަށް ކަމާ ބެހޭ އިދާރާތަކުން ތުހުމަތުކުރި ނަމަވެސް، ރަށުގެ މީހުން ތުހުމަތު ކުރަނީ ކުއްޖާގެ ކާފަ އަށެވެ. ގިނަ މީހުން ބުނާ ގޮތުގައި ކުއްޖާގެ ކާފަ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުން، އެކަން ފޮރުވަން އައިމިންދިޔެ އަށް ތުހުމަތުތައް އަމާޒުކުރީ އެވެ.