ހަ އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ބަންދު ކޮށްފައިވާ އުމުރުން 59 އަހަރުގެ އައިމިންދިޔެ (އައިމިންދައްތަ) ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރަށް ހައިކޯޓުން މިއަދު ތާއީދު ކޮށްފި އެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އައިމިންދިޔެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ. އެ އަމުރު އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ.
އައިމިންދިޔެގެ ފަރާތުން ހައިކޯޓުގައި ބުނެފައި ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ވަނީ އެކަށީގެންވާ ހެކި ނެތި ކަމަށެވެ. އަދި އެ އަމުރަކީ ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނާއި ހިލާފު އަމުރެއް ކަމަށެވެ.
ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުމުގައި ބަޔާން ކޮށްފައި ވަނީ، ކުށުގެ ބާވަތަށް ބަލާއިރު، މިއީ ޖިނާއީ ބޮޑު މައްސަލައެއް ކަމަށެވެ. މި މައްސަލައިގެ ބާވަތަށް ބަލާއިރު، ތުހުމަތުކުރާ މީހާ ބަންދުން ދޫކޮށްލައިފިނަމަ ހެކިންނަށް ނުފޫޒު ފޯރުވައި އަދި އެމީހާގެ ފަރާތުން މުޖުތަމައަށް ނުރައްކާވުމުގެ އިހުތިމާލް އޮތް ކަމަށެވެ.
އެހެންކަމުން ދަށު ކޯޓުން ކޮށްފައިވާ އަމުރު ބާތިލު ކުރާނެ ތަނެއް ނެތް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. މި މައްސަލަ ހައިކޯޓުގައި ބައްލަވާފައި ވަނީ އިސް ފަނޑިޔާރު ހާތިފް ހިލްމީ، ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު ހުސެއިން ޝަހީދެވެ.
މި މައްސަލައިގައި އުމުރުން ދުވަސްވީ އަންހެން މީހާއަށް ކަމާ ބެހޭ އިދާރާތަކުން ތުހުމަތުކުރި ނަމަވެސް، ރަށުގެ މީހުން ތުހުމަތު ކުރަނީ ކުއްޖާގެ ކާފައަށެވެ. ގިނަ މީހުން ބުނާ ގޮތުގައި ކުއްޖާގެ ކާފަ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުން، އެކަން ފޮރުވަން އައިމިންދިޔެ އަށް ތުހުމަތުތައް އަމާޒުކުރީ އެވެ.
ރަށުގެ ގިނަ ބަޔަކު ދަނީ އައިމިންދިޔެ ދޫކޮށްލުމަށް އެދި ގޮވައިލަމުންނެވެ. އޭނާ ދޫކޮށްލުމަށްއެދި ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް އެބަ ދެއެވެ. މި ތުހުމަތުތަކާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އައިމިންދިޔެގެ އިތުރަށް މި މައްސަލައިގައި އިތުރު މީހަކު ޝާމިލްވާކަމުގެ ހެކި ލިބިފައި ނުވާ ކަމަށެވެ.