ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދުގެ އަމުރަށް ދޫކޮށްލި މީހާ އަލުން ބަންދުކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.
ހައިކޯޓުން ކުރިން ނެރެފައިވާ އަމުރެއްގެ ދަށުން ސ. ހިތަދޫ މަންދޫބުގޭ، ރުޝާން އަހްމަދު ދީދީ ބަންދުކޮށްފައި ވަނިކޮށް ހައިކޯޓުގެ އެ އަމުރު ސަސްޕެންޑް ކުރުމަށްފަހު ރުޝާން ދޫކޮށްލުމަށް ހިތަދޫ މެޖިސްޓްރޭޓްގެ ހައިސިއްޔަތުން ރަފީއުއްދީން މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ނެރުއްވި އަމުރުގައި ވަނީ އަމުރުކުރައްވާފަ އެވެ.
ޝަރީއަތް ނިމެންދެން ރުޝާން ބަންދުކޮށްފައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކުރީ ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ދައުލަތުން އޭނާގެ މައްޗަށް ދައުވާކުރުމުންނެވެ. ހައިކޯޓުން 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެ އަމުރު ނެރުނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އޭރުވެސް އޭނާ ދޫކޮށްލުމަށް އަމުރުކުރުމުން ދައުލަތު އެ އަމުރު އިސްތިއުނާފް ކުރުމުންނެވެ.
ހައިކޯޓުގެ އަމުރު ސަސްޕެންޑްކޮށް ރުޝާން އަހްމަދު ދޫކޮށްލުމަށް މެޖިސްޓްރޭޓް ރަފީއުއްދީން އަމުރު ނެރުނީ އޭނާއަށް ޝަރުތުތަކެއް ކުރުމަށްފަހު ބޭސްފަރުވާ އަށެވެ.
"ރުޝާން އަހްމަދު ދީދީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަމްބަރު 2020/HC-A/216 ގަޒިއްޔާއިން ނިންމާފައިވާ ނިންމުން، މިއަދުން ފެށިގެން 90 (ނުވަދިހަ) ދުވަހަށް ސަސްޕެންޑްކޮށް، މި މުއްދަތަށް ބޭސް ފަރުވާގެ ބޭނުމަށް އޭނާ ދޫކޮށްފައި ބެހެއްޓުމަށް އަންގާ އަމުރުކޮށްފީމެވެ." ރަފީއުއްދީން ނެރުއްވި އަމުރުގައިވެ އެވެ.
ރަފީއުއްދީން ނެރުނު އަމުރާ މެދު ހިތްހަމަނުޖެހޭތީ އެ އަމުުރު ދައުލަތުން އިސްތިއުނާފް ކުރުމުން ހައިކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނެފައިވަނީ ރުޝާން ބަންދުން ދޫކޮށްލުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރުމުގައި އަމަލުކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ. އެހެންކަމުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ބާތިލްކޮށް ރުޝާން ބަންދުކުރަން ހައި ކޯޓުން ކުރިން ކުރި އަމުރު ދެމި އޮތް ކަމަށް ކަނޑައަޅާފަ އެވެ. ދަށު ކޯޓުގެ އަމުރުގައި އޭނާ ދޫކޮށްލީ ސިއްހީ ހާލަތު ހުރި ގޮތުން ކަމަށް ބުނެފައިވީ ނަމަވެސް ހައިކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ރުޝާން ބަންދުން ދޫކޮށްލަން ޖެހޭ ފަދަ ސީރިއަސް ސިއްހީ މައްސަލަތަކެއް ނެތް ކަމަށެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަލީ ސަމީރާއި، ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އެވެ.
ކޯޓުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން މަތީ ކޯޓެއްގެ ނިންމުމެއް ބާތިލްކުރުމާއި ސަސްޕެންޑް ކުރުމުގެ ބާރަކީ ދަށު ކޯޓަށް ލިބިގެންވާ ބާރެއް ނޫނެވެ. ދަށު ކޯޓަށް އޮތް ގޮތަކީ މަތީ ކޯޓުގެ ނިންމުންތަކާ އެއްގޮތަށް އަމަލުކުރުމެވެ.
ރަފީއުއްދީން ނެރުއްވި އަމުރާ ގުޅިގެން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ހައިކޯޓުގެ ހުކުމެއް ދިރިދިރި އޮއްވާ، އެ ހުކުމް ސަސްޕެންޑް ކުރުމަކީ ދަށު ކޯޓަކުން މެޖިސްޓްރޭޓަކު ކުރާ ކަހަލަ ކަންތައްތަކެއް ނޫން ކަމަށެވެ. މީހަކު ދޫކޮށްލަން ބޭނުންވާނަމަ، ރަނގަޅު ސަބަބެއް ދެއްކެވުމަށް ޕީޖީ އެދިވަޑައިގެންނެވި އެވެ.
"މިގޮތަށް ނިންމާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށް، ޖޭއެސްސީގައި ޝަކުވާވެސް ކުރާނަމެވެ." ޕީޖީ ޝަމީމް ވިދާޅުވެފައިވެ އެވެ.
ޕީޖީ ޝަމީމަށް ރައްދުދެއްވާ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ބަޔާނުގައިވަނީ އެ އަމުރު ނެރެން ޖެހުނު ސަބަބާއި އަދި އަމުރު ނެރުމުގައި ބެއްލެވި ކަންކަން ހިއްސާކުރައްވާ، އަމުރު ނެރުން ދިފާއު ކުރައްވާފަ އެވެ.
ރަފީއުއްދީން ނެރުއްވި އަމުރާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދަނީ އެ މައްސަލަ ބަލަމުންނެވެ.