ހައިކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުން މީހަކު ބަންދުކޮށްފައި ވަނިކޮށް ހައިކޯޓުގެ އަމުރު ސަސްޕެންޑް ކުރުމަށްފަހު ބަންދުގައި ހުރި މީހާ ދޫކޮށްލުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.
ސ. ހިތަދޫ މަންދޫބުގޭ، ރުޝާން އަހުމަދު ދީދީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކުރީ ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ދައުލަތުން އޭނާގެ މައްޗަށް ދައުވާކުރުމުންނެވެ.
ހައިކޯޓުން 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެ އަމުރު ނެރުނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އޭރުވެސް އޭނާ ދޫކޮށްލުމަށް އަމުރުކުރުމުން ދައުލަތު އެ އަމުރު އިސްތިއުނާފް ކުރުމުންނެވެ.
ހައިކޯޓުގެ އަމުރު ސަސްޕެންޑްކޮށް ރުޝާން އަހްމަދު ދޫކޮށްލުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރު ނެރުނީ އޭނާއަށް ޝަރުތުތަކެއް ކުރުމަށްފަހު ބޭސްފަރުވާ އަށެވެ.
"ރުޝާން އަހްމަދު ދީދީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަމްބަރު 2020/HC-A/216 ގަޒިއްޔާއިން ނިންމާފައިވާ ނިންމުން، މިއަދުން ފެށިގެން 90 (ނުވަދިހަ) ދުވަހަށް ސަސްޕެންޑްކޮށް، މި މުއްދަތަށް ބޭސް ފަރުވާގެ ބޭނުމަށް އޭނާ ދޫކޯށްފައި ބެހެއްޓުމަށް އަންގާ އަމުރުކޮށްފީމެވެ." މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު ނެރުއްވި އަމުރުގައިވެ ބަޔާންކޮށްފައިވެ އެވެ.
ރުޝާން އަހްމަދު ދީދީ ދަށު ކޯޓުން ޝަރުތު ކުރީ ކުރިއަށް އޮތް ތިން މަސް ދުވަަހަށް ހެކިވެރިންނާ މުއާމަލާތް ނުކުރުމަށާއި، ރޭގަނޑު 12 އިން ފެށިގެން ހެނދުނު ހަޔަކަށް ގެއިން ނުނިކުތުމަށް ޝަރުތުކޮށެވެ.
.
ކޯޓުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން މަތީ ކޯޓެއްގެ ނިންމުމެއް ބާތިލްކުރުމާއި ސަސްޕެންޑް ކުރުމުގެ ބާރަކީ ދަށު ކޯޓަށް ލިބިގެންވާ ބާރެއް ނޫނެވެ. ދަށު ކޯޓަށް އޮތް ގޮތަކީ މަތީ ކޯޓުގެ ނިންމުންތަކާ އެއްގޮތަށް އަމަލުކުރުމެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން، ހައިކޯޓުގެ އަމުރު ސަސްޕެންޑް ކޮށްފައިވާތީ ދަށު ކޯޓުން ނެރުނު އަމުރު އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވަނީ ނިންމަވާފަ އެވެ.
ޕީޖީ ޝަމީމް މިއަދު ވިދާޅުވީ ހައިކޯޓުގެ ހުކުމެއް ދިރިދިރި އޮއްވާ، އެ ހުކުމް ސަސްޕެންޑް ކުރުމަކީ ދަށު ކޯޓަކުން މެޖިސްޓްރޭޓަކު ކުރާ ކަހަލަ ކަންތައްތަކެއް ނޫން ކަމަށެވެ. މީހަކު ދޫކޮށްލަން ބޭނުންވާނަމަ، ރަނގަޅު ސަބަބެއް ދެއްކެވުމަށް ޕީޖީ އެދިވަޑައިގެންނެވި އެވެ.
"މިގޮތަށް ނިންމާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށް، ޖޭއެސްސީގައި ޝަކުވާވެސް ކުރާނަމެވެ." ޕީޖީ ޝަމީމް ވިދާޅުވެފައިވެ އެވެ.