އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލަކަށް ހުންނެވި މުހައްމަދު ޝުޖާއު އަބްދުއްރަހީމް އެ މަގާމުން ވަކިކުރި މައްސަލަ ނިމެންދެން އެމަގާމަށް އެހެން ޕްރިންސިޕަލަކު އައްޔަން ނުކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންގައިފި އެވެ.
މިމަހު ހަވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޝުޖާއު އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްކަމުގެ މަގާމުން ވަކިކޮށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް ބަދަލުކޮށްފަ އެވެ.
އެމައްސަލަ ޝުޖާއުގެ ފަރާތުން ވަނީ ވަޒީފާއާއި ބެހޭ ޓަރައިބިއުނަލަށް ހުށަހަޅާފައެެވެ.
އެ ޓްރައިބިއުނަލުން މިއަދު ނެރުނު ވަގުތީ އަމުރުގައިވަނީ އެ މައްސަލަ ނިމެންދެން އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމަށް މީހަކު ނުނެގުމަށާއި އަދި އެފަދަ މަސައްކަތެއް ހިންގަމުންދާނަމަ އެކަން ހުއްޓާލަން ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފަ އެވެ.
އެހެން ނަމަވެސް ޝުޖާއުގެ ފަރާތުން އެދުނު ގޮތަށް އެމައްސަލަ ނިމެންދެން ޕްރިންސިޕަލްގެ ޒިންމާ ޝުޖާއުއަށް އަދާކުރެވޭނެ ފަދަ އަމުރެއް ޓްރައިބިއުނަލުން ނުނެރެ އެވެ. އެ ނުކުތާއާ މެދު ގޮތް ނިންމޭނީ މައްސަލަ މައުޟޫއީ ގޮތުން ބެލުމަށްފަހު ކަމުގައި ޓްރައިބިއުނަލްގެ ނިންމުމުގައިވެ އެވެ.
އަރަބިއްޔާ ސްކޫލް މިހާރު ވަގުތީ ގޮތުން ހިންގަވަނީ އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސެއިން ސައީދު އެވެ.