ހަބަރު

އިރުޝާދިއްޔާއަށް ކްލާސްރޫމް އިތުރު ކުރަން ސޮއިކޮށްފި

އައްޑޫ ސިޓީ މަރަދޫގައި ހުންނަ އިރުޝާދިއްޔާ ސްކޫލުގައި 12 ކްލާސްރޫމް އިމާރާތެއް އެޅުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ސްކޫލުގައި ކްލާސްރޫމް އިމާރާތް އެޅުމަށް ކޮންޓްރެކްޓްގައި ވަނީ ސޮއިކޮށްފަ އެވެ.
މަސައްކަތް ހަވާލުކޮށްފައިވަނީ އަށް މިލިއަން ރުފިޔާ އަށް މާރިސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް އެވެ. އަދި މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ ޕިއުޓީ މެނޭޖިން ޑިރެކްޓަރު ޒުބައިރު މުހައްމަދު އެވެ.

މިނިސްޓްރީގެ ޕީއެސްއައިޕީ ބަޖެޓުގެ ދަށުން މި މަސައްކަތް ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

"އެހެންކަމުން އަޅުގަނޑުމެން އުއްމީދުކުރަނީ 2020 ވަނަ އަހަރު ނޮވެމްބަރު މަހު މި މަސައްކަތް މުޅިން ނިމި، އަޅުގަނޑުމެންނާ ހަވާލު ކުރެވޭނެ ކަމަށް" އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަނުން ވަނީ މިދިޔަ ނޮވެމްބަރު މަހު ކޮޅުފުށި ސްކޫލުގައި ކްލާސްރޫމް އެޅުމަށްވެސް މި ކުންފުންޏާ ހަވާލުކޮށްފަ އެވެ.