ސްކޫލް

ދެ ސްކޫލެއް ތަރައްގީކުރަން 32 މިލިއަން ރުފިޔާއަށް އަމީން ކޮންސްޓްރަކްޝަނަށް

އައްޑު އަތޮޅުގެ ދެ ރަށެއްގެ ސްކޫލުގައި އިމާރާތްތަކެއް އެޅުމަށް 32.9 މިލިއަން ރުފިޔާގެ އެއްބަސްވުންތަކެއްގައި އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސޮއިކުރީ، އައްޑު އަތޮޅު ހިތަދޫގައި ހުންނަ އަތޮޅު މަދަރުސާ އާއި އެ އަތޮޅު ފޭދޫ ސްކޫލުގައި އިމާރާތްތަކެއް އެޅުމަށެވެ. އެ ދެ ސްކޫލުގެ އިމާރާތްކުރުމުގެ މަސައްކަތް ވެސް މިއަދު ހަވާލުކުރީ އަމީން ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ.

ފޭދޫ ސްކޫލުގައި އިމާރާތްކުރަން ހަމަޖެހިފައިވަނީ 12 ކްލާސްރޫމާއި ހޯލެއް ހިމެނޭ ހަތަރު ބުރީގެ އިމާރާތެކެވެ. އެއީ 22 މިލިއަން ރުފިޔާއަށް އަޅާ އިމާރާތެކެވެ. ސ. އަތޮޅު މަދަރުސާގައި އިމާރާތްކުރަން ހަމަޖެހިފައިވަނީ ހަތަރު ކްލާސް ރޫމާއި އޮފީސް އަދި ލައިބްރަރީއެއް ހިމެނޭ ތިން ބުރީގެ އިމާރާތެކެވެ. އެ އިމާރާތަށް ހަރަދުކުރަން ނިންމާފައިވަނީ 10.7 މިލިއަން ރުފިޔާ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިމާރާތްތައް އެޅުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަން އާ ހަވަލުކޮށް އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް އޮފިސާ އިބްރާހިމް އިސްމާއީލެވެ. އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ އަބްދުﷲ މުހައްމަދެވެ.

މިއަދު ސޮއިކުރި އެއްބަސްވުންތަކާ ބެހޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިއަހަރުގެ ޕީއެސްއައިޕީ އިން ތައުލީމީ ދާއިރާއަށް ކަނޑައެޅުނީ 359 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. މިއަދު ސޮއިކުރި އަށް ޕްރޮޖެކްޓުގެ އިތުރުން ޕީއެސްއައިޕީގެ ތެރެއިން މިހާރު ޖުމްލަ 48 ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ ޕްރޮޖެކްޓް ތަކުގެ ތެރެއިން އެކި ރަށްރަށުގައި 270 އަށް ވުރެ ގިނަ ކްލާސްރޫމްތައް އިމާރާތްކުރަމުން ދާ ކަމަށެވެ.

މީގެ އިތުރުން، ޕީއެސް އައިޕީގެ ތެރެއިން މިހާރުވެސް 32 ޕްރޮޖެކްޓެއް އިއުލާނުކޮށް، އެ ޕްރޮޖެކްޓްތައް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.