ރާއްޖޭގެ މޫސުން ގޯސްވެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާ ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ކަނޑުތައް ގަދަވާނެ ތީ ކަނޑުދަތުރުކުރާއިރު ވަރަށް ސަމާލުވާން ވަނީ އެދިފައެވެ.
މިއަދު މެންދުރުން ފެށިގެން މިރޭ 8:00 އާ ހަމައަށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.
މޫސުން ގޯސްވެ ވައިޓްއެލާޓް ނެރުމުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ރައްކާތެެރި ކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައެވެ. އެ ގޮތުން ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެތީ ސަމާލުވާން ވަނީ އެދިފައެވެ.