ދުނިޔެ

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަލްޖީރިއާގައި، ގުޅުން ބަދަހިކުރައްވަނީ

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަލްޖީރިއާއަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރެއްގައި އެ ގައުމަށް ވަޑައިގެން ރައީސް އަބްޖުލް މަޖީދު ތަބޫންއާ ބައްދަލުކުރައްވައިފި އެވެ.

މިއީ ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ޚަރާބުވެފައި އޮތުމަށްފަހު ގުޅުން ބަދަހިކުރުމަށް އެޅި ވަރަށް މުހިއްމު އަދި ހުޝިޔާރު ފިޔަވަޅެކެވެ.

ފްރާންސާއި އަލްޖީރިއާއާ ދެމެދު އޮތް ރަސްމީ މަޝްވަރާތައް ބިނާކޮށްފައި އޮތީ ދެ ގައުމުގެ ގުޅުން އަލުން ބަދަހިކުރުމުގައި އެ ގައުމެއްގެ މިނިވަންކަމާއި ސިޔާދަތާއި އަމިއްލަވަންތަކަން ދެމެހެއްޓުމުގައި ކޮންމެ ގައުމަކުން ވެސް އެއްބާރުލުން ދިނުމަށެވެ.

ދެގައުމުގެ ދެމެދުގައި ފިކުރީ ހިލާފުތަކެއް ހުރި ނަމަވެސް ގަދަރުވެރިކަމާއި އިހުތިރާމާ އެކު މުއާމަލާތް ކުރުމަށާއި ހައްގު ނޫން ބަސްތަކުން މުހާތަބު ނުކުރުމަށްވެސް ދެ ލީޑަރުން އެއްބަސްވެ ވަޑައިގެންނެވި އެވެ.

އަބްދުލް މަޖީދު ތަބޫން ވިދާޅުވި ގޮތުގައި ދެ ލީޑަރުންގެ ބައްދަލުކުރެއްވުމާ ހަމައިން ދެ ގައުމުގެ ގުޅުން އާ ސަފުހާއަކުން ފެށުނީ އެވެ. މާޒީވެ ދިޔަ ކަމެއްގައި ތާރީހު ޖަހައި ކުރިމަގަށް ވިސްނުމަކީ ދެ ގައުމަށް ވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމަށްވެސް ވިދާޅުވި އެވެ.

އިމަނުއެލް މެކްރޮން ވިދާޅުވި ގޮތުގައި ދެ ގައުމުގެ ތާރީހުގައި އެއްގޮތް ކަންތައްތަކެއް އޮތީ ހިނގާފަ އެވެ. ހިތާމަ އާއި ކެކުޅުން ދެ ގައުމުގެ ގުޅުމަށް ވަނީ ވަރަށް ބޮޑަށް ހުރަސްއަޅާފަ އެވެ.

އިސްތިއުމާރީ ޒަމާނުގައި ހިނގާފައި ހުރި ކަންތައްތަކާ މެދު މަޝްވަރާކުރަން ދެ ގައުމު ގުޅިގެން ކޮމިޓީއެއް އުފައްދަން މަޝްވަރާ ކުރެވުނު ކަމަށްވެސް މެކްރޮން ވިދާޅުވި އެވެ.

މެކްރޮން އަލްޖީރިއާއަށް ވަޑައިގަތީ ބުރާސްފަތި ދުވަހު އެވެ. އަލްޖީރިއާގެ ވެރިރަށް، އަލްޖިއާޒްގައި އޮންނަ އަހަވާރީ ބޫމަދީން އެއާޕޯޓުން މެކްރޮންއަށް މަރުހަބާ ދެންނެވީ އަބްދުލް މަޖީދު ތަބޫން އެވެ.

އަލްޖީރިއާ އާއި ފްރާންސާ ދެމެދު ފާއިތުވި އަހަރު ފަހުކޮޅު އާވިގަދަ ބަހުގެ ހަމަލާތަކެއް ވަނީ ބަދަލުކޮށްފަ އެވެ. އެއީ އަލްޖީރިއާ ބެހޭ ގޮތުން ހައްގު ނޫން ބަސްތަކެއް މެކްރޮއަށް ވިދާޅުވެވުމުންނެވެ.

އަލްޖީރިއާއާ ފްރާންސާ ދެމެދު ޑިޕްލޮމެޓިކް ކޯޅުންގަނޑު ހޫނުވެގެން ދިޔައީ ފްރާންސުން އަލްޖީރިއާ އިސްތިއުމާރު ކުރުމުގެ ކުރިން އެއީ އޮތް ދައުލަތެއް ނޫން ކަމަށް މެކްރޮން ވިދާޅުވުމުންނެވެ.

އޭނާ ސިފަ ކުރުވަން އުޅުއްވީ އަލްޖީރިއާގައި ދައުލަތެއްގެ ސިފަ ޖެހުނީ ފްރާންސްގެ އިސްތިއުމާރީ ބާރުތައް އެ ގައުމުން ފޭބުމަށްފަހު ކަމަށެވެ.

މެކްރޮން ވިދާޅުވި ގޮތުގައި ފްރާންސުން އަލްޖީރިއާ އިސްތިއުމާރުކުރުމުގެ ކުރިން ވެސް އެއީ އިސްތިއުމާރީ ބާރުތަކަކުން ވީރާނާ ކޮށްފައި އޮތް ބިމެކެވެ.

އަލްޖީރިއާ އަރައިގަތް ރުޅިގަނޑުގައި ޕެރިހުގައި ހުންނެވި ސަފީރު ވެސް ގައުމަށް ގެންދިޔަ އެވެ. އަދި ފަރަންސޭސި އަސްކަރީ މަތިންދާ ބޯޓުތައް އަލްޖީރިއާގެ ވައިގެ ސަރަހައްދުން ބޭނުންކުރުން މަނާ ވެސް ކުރި އެވެ.

އަލްޖީރިއާ އަކީ ފްރާންސުން އިސްތިއުމާރު ކޮށްފައި އޮތް ގައުމެކެވެ. ފްރާންސްގެ އަސްކަރިއްޔާއިން އަލްޖީރިއާގެ ފަންނުވެރިން މަރައި އުމްރާނީ ތަރައްގީ ބިމާ ހަމަކޮށް އަދި ކަނބަލުންގެ އިއްފަތްރެރިކަމަށް އަރައިގެން ގިނަ އާއިލާތަކެއް ވަނީ ވުޖޫދުން ނައްތާލާފަ އެވެ.

ފްރާންސްގެ ގޮށްމުށުން ސަލާމަތްވެ މިނިވަންވުމަށް ކުރި ވޭންގަދަ ހަނގުރާމަ އަހަރުތަކަކަށް ދިގުދެމިގެން ދިއުމަށް ފަހު އަލްޖީރިއާ މިނިވަންވީ 1967 ގަ އެވެ.