ދުނިޔެ

އިސްތިއުފާދޭން އުޅޭ ކަމަށް ދައްކާ ވާހަކައަކީ ދޮގެއް: މެކްރޮން

ޔޫރަޕިއަން ޕާލިމެންޓަށް މެމްބަރުން ހޮވުމަށް ބޭއްވި ވޯޓުގައި ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮންގެ ސިޔާސީ ކޯލިޝަނަށް ލިބުނު ތާއީދަށް ވުރެ ބޮޑު ތާއީދެއް އިދިކޮޅު ކޯލިޝަނަށް ވަނީ ލިބިފަ އެވެ.

މި ނަތީޖާއާ ގުޅިގެން މެކްރޮން ވަނީ ފަރަންސޭސި ގައުމީ މަޖިލީސް އުވާލައްވައި، އަވަސް އިންތިހާބަކަށް ގޮވާލައްވާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި އިންތިހާބުގައި މެކްރޮންއަށް ގާނޫނު ހަދާ މަޖިލީހުގައި ރަނގަޅު ނަތީޖާއެއް ލިބިވަޑައިނުގެންފިނަމަ އޭނާ އިސްތިއުފާ ދެއްވާނެ އެވެ.

އެހެންނަމަވެސް ފަރަންސޭޭސި ރިޔާސީ ގަނޑުވަރު އެލީސީ ޕެލަސް އިން ބުނީ އިންތިހާބުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް އިސްތިއުފާ ދެއްވުމަކީ މެކްރޮންގެ ވިސްނުމެއް ނޫން ކަމަށެވެ.

އާންމު މަޖިލީހުގައި ނަތީޖާ އަންނަ ގޮތަކުން ރައީސަށް ވެރިކަން ދޫކޮށްލައްވަން ޖެހިވަޑައިގަތުމަކީ ގާނޫނުގައި އޮންނަ ގޮތް ނޫން ކަމަށްވެސް މެކްރޮން ވެސް ވިދާޅުވި އެވެ.

ފަރަންސޭސި ބައެއް ނޫސްތައް ބުނާ ގޮތުން މެކްރޮން އިސްތިއުފާ ދެއްވުމާ ބެހޭ ގޮތުން ތަންކޮޅެއް ކުރިންވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އަދި މަގާމު ދޫކޮށްލެވެން ހުރި ގޮތްތައް އޭނާ ސާފުކުރެއްވި ކަމަށް ބުނާ ހަބަރުތަކެއްވެސް ވަނީ ފެތުރިފަ އެވެ.

މެކްރޮންއަށް ފާޑުކިޔާ މީހުން ދެކޭ ގޮތުގައި، ޔޫރަޕިއަން ޕާލިމެންޓުން ފުރުސަތު ގެއްލުނީ ގައުމު ދޫކޮށްލައްވައި، ޔުކްރޭންގެ މައްސަލަތަކަށް މާބޮޑަށް އަހަންމިއްޔަތުކަން ދެއްވުމުގެ ސަބަބުންނެވެ.

މެކްރޮންއަށް މުހިއްމު ވަނީ ދާހިލީ މައްސަލަތަކަށް ވުރެ ހާރިޖީ މައްސަލަތައް ކަމަށްވެސް ފާޑުކިޔާ މީހުން ބުނެ އެވެ.

ސިޔާސީ ވާދަވެރިން ދެކޭ ގޮތުގައި ފަރަންސޭސިވިލާތުގައި މެކްރޮންއަށް މިހާރު ރަނގަޅު ތާއީދެއް ނެތެވެ. އާންމު އިންތިހާބު އަވަސްކުރި ނަމަވެސް އެކަށިގެންވާ ތަރުހީބެއް މެކްރޮންއަށް ލިބިވަޑައިގަންނަވާނެ ކަމާ މެދު ޝައްކު ކަމަށް ވާދަވެރިން ބުނެ އެވެ.