ދުނިޔެ

ފްރާންސަށް ރައީސަކު ހޮވުން، ފުރަތަމަ ބުރު މިއަދު

ފްރާންސަށް ރައީސަކު ހޮވަން، ރިޔާސީ އިންތިހާބުގައި މިއަދު ވޯޓުލާނެ އެވެ. މިއަދުގެ ވޯޓުން އެއްވެސް ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ އޭޕްރީލް 24 ގައި ދެވަނަ ބުރެއް އޮންނާނެ އެވެ. ވާދަ ކުރައްވާނީ އެންމެ ގިނަ ވޯޓް ލިބިވަޑައިގެންނެވި ދެ ކެންޑިޑޭޓުންނެވެ.

ފްރާންސްގައި ރިޔާސީ އިންތިހާބު އޮންނަނީ ކޮންމެ ފަސް އަހަރަކުންނެވެ. ރައީސްގެ ވެރިކަމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. އެއަށް ފަހު އާ ރައީސަކު ހޮވަން އާއިންތިހާބެއް ބާއްވަން ޖެހެ އެވެ. ރައީސް ކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް ގިނަވެގެން އަދާކުރެވީ ފަސް އަހަރުގެ ދެ ދައުރެވެ.

ރައީސްގެ މަގާމުގައި މިހާރު ހުންނެވި އިމަނުއެލް މެކްރޮން ވެރިކަށް ވަޑައިގަތީ މެއި 14، 2017 ގައެވެ. އޭނާގެ ދައުރު މެއި 13، 2022 އަށް ހަމަވާނެ އެވެ.

އިމަނުއެލް މެކްރޮން އަކީ ފްރާންސްގައި ވެރިކަން ކުރައްވާ އެންމެ ހަގު، ޒުވާން ރައީސެވެ. ވެރިކަމަށް ވަޑައިގެންނެވިއިރު އުމުރުފުޅަކީ 39 އަހަރު، މިހާރު 44 އަހަރެވެ.

މެކްރޮން އަކީ ޔޫރަޕްގެ އިއްތިހާދާ ވަރަށް ގުޅުން ބޮޑު ބޭފުޅެކެވެ. މިއަހަރުގެ އިންތިހާބުގައި މެކްރޮންއާ ވާދަ ކުރައްވާ މާރިން ލުޕެން 53، އަކީ ފްރާންސް ޔޫރަޕުން ވަކި ކުރަން ބޭނުންފުޅުވާ ސިޔާސީ ލީޑަރެކެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެ ތައްޔާރީތައް އަދިވެސް ކުރިއަށް ދާއިރު، ވާދަވެރިކަން އެންމެ ބޮޑީ އިމަނުއެލް މެކްރޮން އާއި މާރިން ލުޕެންއާ ދެމެދު އެވެ.

ކެންޑިޑޭޓުންގެ މެދުގައި ނެގި ފެންނަ ނުފެންނަ އިޚްތިޔާރީ ވޯޓްގައި އިމަނުއެލް މެކްރޮންއަށް 26 ޕަސެންޓް ލިބިފައި ވާއިރު މާރީ ލުޕެންއަށް ލިބިފައި ވަނީ 24 ޕަސެންޓެވެ. މިއީ ދުރު ވިސްނާ މީހުން ބުނާ ގޮތުން ތަފާތު ވަރަށް ކުޑަ މިންވަރެކެވެ. ރިޔާސީ ރޭހުގައި ތިންވަނަގައި އޮތީ ޒޯން ލުކްމެލޯންޝޯ 70، އެވެ. ލިބިފައި ވަނީ 17 ޕަސެންޓެވެ.

މަޝްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި މެކްރޮން އާއި މާރިން ލުޕެންއާ ދެމެދު ތަފާތު ވަރަށް ކުޑަ އެވެ. މިއީ ދެވަނަ ދައުރަކަށް އުންމީދު ކުރައްވާ މެކްރޮންއަށް ބިރުގަންނަ ވަރުގެ ގާތް މިނެކެވެ.

އިމަނުއެލް މެކްރޮން ރިޔާސީ ރޭހުގައި އެންމެ ފުރަތަމަ ވާދަ ކުރައްވައި ރައީސްކަމަށް ވަޑައިގަތީ 66.10 ޕަސެންޓް ވޯޓުން، ވަރަށް ބޮޑު އަޣުލަބިއްޔަތަކުންނެވެ.