ދުނިޔެ

މެކްރޮން ފްރާންސްގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފި

ފްރާންސްއަށް ރައީސަކު ހޮވަން މި މަހު 10 ވަނަ ދުވަހު ފެށި ރިޔާސީ އިންތިހާބު، ރައީސްގެ މަގާމުގައި މިހާރު ހުންނެވި އިމަނުއެލް މެކްރޮން ކާމިޔާބު ކުރައްވައިފި އެވެ. އެހެން ކަމުން ރައީސްކަމުގެ ދެވަނަ ދައުރެއް މެކްރޮންއަށް ކަށަވަރުވީ އެވެ.

މެކްރޮން އިންތިހާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ކެންޑިޑޭޓް މާރިން ލުޕެންއާ ވާދަ ކުރައްވައި 58.2 ޕަސެންޓުންނެވެ. މިއަހަރު ފްރާންސްގައި ބާއްވާ ގޮތަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 12 ކެންޑިޑޭޓަކު ވާދަ ކުރެއްވި އެވެ.

އިންތިހާބުގެ ގަވާއިދު އޮންނަ ގޮތުން ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ ދެވަނަ ބުރެއް ބާއްވަން ޖެހެ އެވެ. ދެވަނަ ބުރުގައި ވާދަ ކުރެވެނީ ފުރަތަމަ ބުރުގައި އެންމެ ގިނައި ވޯޓް ހޯއްދެވި ދެ ކެންޑިޑޭޓަކަށެވެ.

މާރިން ލުޕެންއަށް އިންތިހާބު ކާމިޔާބު ނުކުރެވުނު ނަމަވެސް ނަތީޖާ ގަބޫލު ކުރައްވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އަދި ނިމުނީ ނޫން ކަމަށާއި ފްރާންސްއަށް ޓަކައި ސިޔާސީ މަސައްކަތްތައް ދޫކޮށް ނުލައްވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުވެ ވަޑައިގަތުމާ ގުޅިގެން ތާއީދުކުރި މީހުންނަށް މެކްރޮން ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ވޯޓުލީ މީހުންގެ އަޣުލަބިއްޔަތު ލިބިވަޑައިގަތުމުން އުފާ ކުރައްވާ ކަމަށެވެ.

މެކްރޮން ވިދާޅުވި ގޮތުގައި އަޣުލަބިއްޔަތުގެ މާނައަކީ އުފުލަން ޖެހިވަޑައިގަންނަވާ ޒިންމާ ބޮޑުވުން ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ދައްކަން ޖެހޭ ބޮޑު ދަރަންޏެއް ކަމަށް ވެސް ވިދާޅުވި އެވެ.

ފްރާންސްގައި ފަސް އަހަރު ވެރިކަން ކުރި މީހަކަށް އިތުރު ފަސް އަހަރު ދޭން ރައްޔިތުން ނިންމީ އުންމީދެއް އޮތުމުން ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭނާއަށް ތާއީދު ނުކުރާ މީހުން ވެސް ވޯޓް ދިން ކަމަށާއި ބޭނުމަކީ ދާޚިލީ ހަމަނުޖެހުމަކުން ފްރާންސް ރައްކާތެރިކުރުން ކަމަށެވެ.

މެކްރޮން ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން ވާދަވެރިންނަކީ ވެސް ގައުމަށް މުހިންމު ބައެއް ކަމަށާއި އިދިކޮޅު ލީޑަރު މާރިން ލުޕެންއަށް ތާއީދު ކުރެއްވި މީހުންނަށް ވެސް ދެރަގޮތެއް ނުހައްދަވާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ފްރާންސްގެ ރައީސްއަކީ އެންމެންގެ ރައީސް ކަމަށެވެ.

ފްރާންސްގައި ރިޔާސީ އިންތިހާބު އޮންނަނީ ކޮންމެ ފަސް އަހަރަކުންނެވެ. ރައީސްގެ ވެރިކަމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. އެއަށް ފަހު އާ ރައީސަކު ހޮވަން އާއިންތިހާބެއް ބާއްވަން ޖެހެ އެވެ. ރައީސް ކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް ގިނަވެގެން އަދާކުރެވީ ފަސް އަހަރުގެ ދެ ދައުރެވެ.

ރައީސްގެ މަގާމުގައި މިހާރު ހުންނެވި އިމަނުއެލް މެކްރޮން ވެރިކަށް ވަޑައިގަތީ މެއި 14، 2017 ގައެވެ. އޭނާގެ ދައުރު މެއި 13، 2022 އަށް ހަމަވާނެ އެވެ.

އިމަނުއެލް މެކްރޮން އަކީ ފްރާންސްގައި ވެރިކަން ކުރައްވާ އެންމެ ހަގު، ޒުވާން ރައީސެވެ. ވެރިކަމަށް ވަޑައިގެންނެވިއިރު އުމުރުފުޅަކީ 39 އަހަރު، މިހާރު 44 އަހަރެވެ.

މެކްރޮން އަކީ ޔޫރަޕްގެ އިއްތިހާދާ ވަރަށް ގުޅުން ބޮޑު ބޭފުޅެކެވެ. މިއަހަރުގެ އިންތިހާބުގައި މެކްރޮންއާ ވާދަ ކުރައްވާ މާރިން ލުޕެން 53، އަކީ ފްރާންސް ޔޫރަޕުން ވަކި ކުރަން ބޭނުންފުޅުވާ ސިޔާސީ ލީޑަރެކެވެ.

2017 ގައި ފްރާންސްގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް މެކްރޮންއާ އެންމެ ގާތުން ވާދަކުރެއްވީ މާރިން ލުޕެން އެވެ. މެކްރޮންއަށް ފްރާންސްގެ ރައީސްކަން ލިބިވަޑައިގެންފައި ވަނީ ދެވަނަ ބުރުގައި ވާދަ ކުރައްވައި 66.10 ޕަސެންޓް ވޯޓުންނެވެ.