ފްރާންސަކީ އެފްރިކާ ބައްރުގެ ގައުމުތައް ހާއްސަކޮށް އަލްޖީރިއާ އިސްތިއުމާރުކޮށް އަޅުވެތިކުރި ގައުމެއްކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ތުރުކީން ބުނެފި އެވެ.
ގައުމުތައް އިސްތިއުމާރުކޮށް އަސްކަރީ ވަކިތަކުން ނޮޅައި އަނިޔާވެރިވެފައިވާ ބަޔަކު ކުށެއް ނެތްކަން ދައްކަން ކުރަން އެނގުނު ކަމަކީ އެހެން ގައުމުތައް ބަދުނާމުކުރުން ކަމަށް ވެސް ތުރުކީ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ތުރުކީއާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު އަމިއްލަ ކުށަށް އިއުތިރާފުވުމަށް ވުރެ މީހުންގެ ހިތްތައް އަތުލުމަށް ފަސޭހަ ގޮތެއް ނޯންނާނެ ކަމަށްވެސް ތުރުކީން ވަނީ ބުނެފަ އެވެ.
ފޮރިން މިނިސްޓްރީގެ ތަރުޖަމާން ތާންޖޫ ބިލްގިޗް ވިދާޅުވި ގޮތުގައި ތުރުކީއަށް ނިސްބަތް ކުރައްވައި އަލްޖީރިއާގައި މެކްރޮން ވިދާޅުވި ބަސްފުޅު އަނބުރާ ގެންދަވައި ފްރާންސަކީ އަނިޔާވެރި ގައުމެއް ކަމަށް އެއްބަސްވެ ވަޑައިގަންނަވަން ޖެހެ އެވެ.
ފްރާންސުން ހިންގާފައި ހުރި ޖަރީމާތަކަށް އިއުތިރާފުވާން ޖެހޭ ކަމަށާއި އެ ހިތްވަރު ހުންނަން ޖެހޭ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.
ޖެހުނުހާ ބައެއް ބަދުނާމުކޮށް ހަގީގަތެއް ނެތް ވާހަކަތައް އުފެއްދުމަކީ ހިތާމަ ހުރި ކަމެއް ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.
އަލްޖީރިއާގައި ވާހަކަދައްކަވަމުން މެކްރޮން ވިދާޅުވި ގޮތުގައި ރަޝިއާ އާއި ޗައިނާ އަދި ތުރުކީ އަށް ނިސްބަތް ކުރެވޭ ނެޓްވޯކްތަކުން ފްރާންސާ ދެކޮޅަށް ޕޮރޮޕެގެންޑާ ފަތުރާ އެވެ. އަދި ފްރާންސަކީ އެފްރިކާ ބައްރުގެ ގައުމުތަކަށް އަނިޔާވެރި ގައުމެއް ގޮތުގައި ލޭބަލް ކުރުމުގައި މި ނެޓްވޯކްތައް ހަރަކާތްތެރިވާ ކަމަށެވެ.
އެފްރިކާ ބައްރުން ފްރާންސަށް ދެކޮޅުވެރިކަމާ ކުރިމަތިލާން ޖެހޭ ސަބަބު މެކްރޮން އަށް އެނގިވަޑައި ގަންނަވާނެ ކަމަށާއި އެކަން ގަބޫލުކުރެވޭނީ ފްރާންސްގެ އިސްތިއުމާރީ ތާރީޚަށް ރުޖޫއަވެގެން ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.
ތަރުޖަމާން އިތުރަށް ވިދާޅުވި ގޮތުގައި ތުރުކީން ގައުމުތަކުގެ ލޯބި ހޯދަނީ އެހެން ގައުމުތައް ބަދުނާމު ކޮށްގެނެއް ނޫނެވެ. އިހުތިރާމާއި އެއްބާލުމާއި އިތުބާރު ކުރުމަކީ ތުރުކީން ގެންގުޅޭ އަސާސީ ސިފަތަކެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.