ދުނިޔެ

ފަރަންސޭސި ރައީސަކު 24 އަހަރަށް ފަހު ޖަރުމަނަށް

ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮން ރަސްމީ ދަތުރެއްގައި ޖަރުމަނަށް ވަޑައިގެންފި އެވެ.

މިއީ ފަރަންސޭސި ރައީސަކު ފާއިތުވި 24 އަހަރު ތެރޭގައި ޖަރުމަނަށް ކުރެއްވި ފުރަތަމަ ދަތުރެވެ.

ފަރަންސޭސި ރައީސަކު މީގެކުރިން ޖަރުމަނަށް ރަސްމީ ދަތުރެއް ކުރައްވާފައިވަނީ 2000 ވަނަ އަހަރު އެވެ. އެއީ ޖެކް ޝިރާކް ފަރަންސޭސިވިލާތުގެ ރައީސްގެ މަގާމުގައި ހުންނެވި އިރެވެ.

ޖެކް ޝިރާކަށްފަހު ނިކޮލަސް ސަކޯޒީ އަދި ފްރާންސުއާ އޮލާންޑްގެ ވެސް ވަނީ ފަރަންސޭސި ރައީސްގެ މަގާމު އަދާކުރައްވާފަ އެވެ.

މެކްރޮންގެ މި ދަތުރަކީ މިދިޔަ އަހަރުގެ ޖުލައި މަހު ކުރައްވަން އޮތް ދަތުރެކެވެ. ނަމަވެސް ފަރަންސޭސިވިލާތުގައި ދާހިލާ ހަމަނުޖެހުންތަކެއް އުފެދި އާންމުން މަގުތަކަށް ނުކުމެ ހިންގި ހަމަނުޖެހުންތަކެއްގައި، ފުލުހުންގެ އަތުން 17 އަހަރުގެ ކުއްޖަކު މަރުވުމާ ގުޅިގެން ދަތުރު ފަސްކުރެއްވީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މެކްރޮން ޖަރުމަނަށް މި ވަޑައިގަތީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އިހުތިރާމް ދުނިޔެއަށް ދެއްކެވުމަށެވެ.

މަސްރަހު ދިރާސާކުރާ މީހުން ބުނާ ގޮތުން މި ދެ ގައުމުގެ ދެމެދުގައި ވަރަށް ގިނަ ކަންތައްތަކާ މެދު ވަނީ ހިޔާލުތަފާތުވެފަ އެވެ. މީގެތެރޭގައި ޔޫރަޕްގެ ދިފާއީ ނިޒާމު މިހާރު އޮތް ގޮތް ހިމެނެ އެވެ.

ޖަރުމަނު ދެކޭ ގޮތުގައި ޔޫރަޕްގައި އޮންނަން ވާނީ އެމެރިކާއަށް ގޮތް ކިޔޭ ދިފާއީ ނިޒާމެކެވެ. އަދި އެމެރިކާއިން ކަނޑައަޅާ ސިޔާސަތުތައް ޔޫރަޕްގެ ދިފާއީ ބާރުތަކުގައި ހިނގަން ޖެހޭނެ އެވެ.

ފަރަންސޭސިވިލާތުގެ ވިސްނުމަކީ އެމެރިކާ ބައިވެރިކުރުމެއް ނެތް ދިފާއީ ނިޒާމެއް ޔޫރަޕްގައި ގާއިމުކުރުމެވެ. އަދި ޔޫރަޕްގެ ސަލާމަތާއި ރައްކާތެރިކަން -- ޔޫރަޕަށް ނިސްބަތްވާ ގައުމުތަކުން ބެލެހެއްޓުމެވެ.

ފަރަންސޭސިންގެ ވިސްނުމަކީ ޔޫރަޕްގެ ބޭނުންތަކަށް އަމިއްލައަށް އަދި އަވަހަށް ހަރަކާތްތެރިވުމެވެ. ނިއުކްލިއާ ހަތިޔާރަކީވެސް ޔޫރަޕްގައި ހުންނަން ޖެހޭ ބާރުވެރިކަމެއް ކަމަށް ފަރަންސޭސިން ގަބޫލުކުރެ އެވެ.

ޖަރުމަނުން ގަބޫލުކުރާ ގޮތުގައި ކޮންމެ ގައުމެއްގައި ނިއުކްލިއާ ހުރުން ލާޒިމެއް ނޫނެވެ. އެއްވިސްނުމެއްގައި އިއްތިހާދުވެގެން ތިބި ކޮންމެވެސް އެއް ގައުމެއްގައި ނިއުކްލިއާ ހުރުމުން ރަނގަޅުވާނެ ކަމަށް ޖަރުމަން ދެކެ އެވެ.

އިމަނުއެލް މެކްރޮން ޖަރުމަނަށް ކުރައްވާ ތިން ދުވަހުގެ ދަތުރުގައި، ދެ ގައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ބައްދަލުވަންތައް ބާއްވާނެ އެވެ. އަދި ޔޫރަޕްގެ ސިޔާސަތު ކަނޑައެޅުމުގައި ދެ ގައުމުގެ ސަރުކާރުގެ އެންމެ އިސްވެރިން މަޝްވަރާ ކުރައްވާނެ އެވެ.