ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިއީ ރައްޔިތުންނަށް ކޮށްދޭ ވެރިކަމެއް: ރައީސް

Aug 28, 2022
3

މިވެރިކަމަކީ ރައްޔިތުންނަށް ކޮށްދޭ ރައްޔިތުންގެ ވެރިކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މ. ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ދިއްގަރުގެ އުތުރުފަރާތުގެ ހިއްކި ބިމުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރު އައިއިރު ރައްޔިތުން ބޭނުންވާ އެތައް ގިނަ ކަންތައްތަކެއް ހުރީ ނުފުދި ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން އެކަންކަން ކޮށްދިނުމަށް ދިއްގަރު ރައްޔިތުންނަށް ވައުދުވެފައި އޮތް ކަމަށާއި ނަމަވެސް ވައުދުތައް ހަގީގަތަކަށް ހަދައިދީފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ދިއްގަރުގެ ތަރައްގީއަށް މަސައްކަތްކުރުމުގައި ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލެއް އޮތުމާއި ދާއިރާގެ މަޖިލީހުގެ މެމްބަރުގެ ފަރާތުން ލިބިވަޑައިގަންނަވާ އެއްބާރުލެއްވުން ފާހަގަކުރެއްވި އެވެ. އެކަމުގެ ސަބަބުން މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި ސަރުކާރަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާ ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑު މިދަންނަވަނީ ހިޔާލު ތަފާތުވުން ނުހުންނާށެކޭ ނޫން. އުނދަގޫކޮށް ދުއްތުރާކޮށް، ކަންތައްތައް ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ޚިޔާލުތަފާތުވުމެއް ނޫން. މިއަދުވެސް އެކަން އެބައޮތް އެހެންނަމަވެސް އެކަންތައްތައް ގިރާކޮށް އަޅުގަނޑުމެން މިދަނީ ރައްޔިތުންނަށް ރައްޔިތުންގެ ވެރިކަމެއް ކޮށްދެމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ދިއްގަރަށް އުދައެރުން ހުއްޓުވުމަށްޓަކައި މިސަރުކާރުން ކރި މަސައްކަތުގައި ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދަކަށް ވެލިއަޅައި، ހިލަތޮށި ލާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން އަހަރުގައި މިލެވުނު ހިލަތޮށިން ލިބެނީ ކިހާވަރެއްގެ ހިމާޔަތެއްތޯ ބަލައި، އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމެއް އޮތްނަމަ އެކަމެއް ސަރުކާރުން ކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

ރައީސް ވިދާޅުވީ ދިއްގަރު ބިން ހިއްކުމުގެ މަސައްކަތް ނިމޭއިރު 38 ހެކްޓަރަށް ރަށް ބޮޑުވެގެންދާނެ ކަމަށެވެ. މިސަރުކާރުން ވައުދުވީ 25 ހެކްޓަރުގެ ބިން ހިއްކުމަށް ކަމަށާއި މިހާރު 17 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ. ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާތީ ރަށުގެ ލޭންޑްޔޫސް ޕްލޭން އަވަހަށް ހަދައި ބިން ބޭނުން ކުރާނެ ގޮތް ކައުންސިލުން ކަނޑައެޅުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމަށް ބޭއްވި މިރަސްމިއްޔާތުގައި ދިއްގަރު ރައްޔިތުންގެ ފަރާތުން ވަނީ ހާއްސަ ހަނދާނީ މޮޑެލްއެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފަ އެވެ.

ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީންނެވެ. ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މުޅިން ނިމިފައިވާއިރު، އެމަޝްރޫގެ ދަށުން ދިއްގަރަށް އެންމެ ބޮޑަށް އުދައަރާ، ސަރަހައްދުގެ 701 މީޓަރުގެ ސަރަހައްދަކަށް ވެލިއަޅައި ވަނީ ބޮޑުހިލައިން ތޮށިލާފައިވެ އެވެ. ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ހިނގަމުންދާއިރު މިހާރު ވަނީ 17 ހެކްޓަރުގެ ބިން ހިއްކާ ނިމިފަ އެވެ. މިދެ މަޝްރޫޢުގެ އަގަކީ، 121.1 މިލިޔަން ރުފިޔާ އެވެ.