ދުނިޔެ

ބަނޑަށް ޖެހިފައި އޮތް މަދާޔާ އަށް އެހީ ފޯރުކޮށްދޭން ފަށައިފި

ކާބޯ ތަކެއްޗާއި ސިއްހީ ހިދުމަތްދޭ ވަސީލަތްތައް ހިފައިގެން ދަތުރުކުރަމުންދިޔަ ޓީމްތަކަށް ސީރިޔާގެ މަދާޔާ އަވަށަށް އަދި އިތުރު ދެ އަވަށަށް ވަދެވިއްޖެ އެވެ.

ކާނެ އެއްޗެއް ނުލިބިގެން އެތައްހާސް ބަޔަކު ދިރިއުޅެމުންދާ އެއަވަށުން އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެ އެވެ. އަދި އަހަރުނުވާ ތުއްތު ކުއްޖަކުވެސް ވަނީ މާލް ނިއުޓްރިޝަންގެ ސަބަބުން މަރުވެފަ އެވެ.

އެހީ ހިފައިގެންދިޔަ ބައިނަލް އަގްވާމީ ޓީމްތަކަށް ަދި ސީރިޔާ ސަރުކާރުގެ ޓީމްތަަކަށް އެއަވަށްތަކަށް ވަދެވުނީ މިއަދުގެ ވަގުތެއްގަ އެވެ.

މިދިޔަ ޖުލައި މަހުން ފެށިގެން މަދާޔާ އަވަށް ވަނީ ހާލުގައި ޖެހެން ފަށާފަ އެވެ. އެދުވަސްވަރު ސީރިޔާ ސަރުކާރާއި ހިޒްބުﷲ ޖަމާއަތާއި ދެމެދު އެއަވަށުގައި ކުރަމުންދިޔަ ހަނގުރާމަވެސް ވަނީ ހުއްޓާލުމަށްފަހު ސިފައިން ވަނީ އެއަވަށުން ފައިބާފަ އެވެ. އެހެން ނަމަވެސް އިންސާނިއްޔަތަށް މަސައްކަތްކުރާ މީހުން ވަނީ މަދާޔާ އަވަށަށް ވަނުމުގެ ހުއްދަދީފައެއް ނުވަ އެވެ.

މަދާޔާ އަވަށުގެ ވާހަކަތައް ދުނިޔޭގެ މީޑިއާގައި ފެތުރިގަތުމުން ސީރިއާގެ ސަރުކާރުން ވަނީ އިންސާނިއްޔަތަށް މަސައްކަތްކުރާ މީހުން ވަނީ މަދާޔާ އަވަށަށް ވަނުމުގެ ހުއްދަދީފައެވެ. އެއާއެކު އދ. އިން ވަނީ މީހުން ފޮނުވުމުގެ މަސައްކަތް ފަށާފައެވެ.

މަދާޔާގެ އިތުރުން އެހީތެ ޓީމްތައް ދެން ދިޔައީ އިދްލިބް ޕްރޮވިންސްގެ ފޫއާ އަދި ކިފްރިޔާ އަވަށަށެވެ.

ހަބަރުތައް ބުނާ ގޮތުގައި މަދާޔާ އަވަށަށް ވަނީ 40،000 މީހުންނަށް ބޭނުންވާ އެއް މަސްދުވަހުގެ އެހީ ގެންގޮސްފަ އެވެ.

އެސަރަހައްދުގައި ހުރި މީޑިއާ އެކްޓިވިސްޓަކާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނީ ސީރިޔާ ސަރުކާރުގެ ޓީމް ފަތިހު އެ އަވަށަށް އައިސްފައިވާ ކަމަށާއި ނަމަވެސް އެހީ ހިފައިގެން ދަތުރުކުރި ވެހިކަލް ތައް އޭރު އަވަށަށް ނާންނަ ކަމަށެވެ. އެހީގެ ވެހިކަލްތައް އައުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންވެސް އެއަވަށުން މީހަކު ބަނޑަށް މަރުވި ކަމަށް ހަބަރުތައް ބުނެއެވެ.