މޯލްޑިވްސް ޕޮލިސް ސާވިސް

އަންހެނަކު ފިރިހެނަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

Aug 29, 2022
1

ފިރިހެނަކާއި އަންހެނަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ފިރިހެން މީހާގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.

މިމައްސަލައާއި ގުޅޭގޮތުން އާންމުންނަށް ސާފުވާނެ ގޮތަކަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ މީހަކަށް އަނިޔާއެއް ލިބިގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

"މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން މިދަނީ ބަލަމުން،" ފުލުހުން ބުނެފައިވެ އެވެ.

ހަމަނުޖެހުން ހިންގި ދެ މީހުންނަކީ ދެ މަފިރިން ކަމެއް އަވަސް އަށް ޔަގީންވާ ގޮތެއް ނުވެ އެވެ. ނަމަވެސް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެއީ ދެމަފިރިންނެވެ.

ޒަހަމްތަކަކާ އެކު ރޭ މެންދަމުގެ ވަގުތެއްގައި ފަރުވާ ހޯދަން ދިޔަ ފިރިހެނަކަށް ފަރުވާ ދީފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވެސް ޔަގީންކޮށްދިނެވެ. އިތުރު މައުލޫމާތެއް ހޮސްޕިޓަލުން ވެސް ހިއްސާކޮށްފައެއް ނުވެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި އޭޑީކޭގައި ފަރުވާ ދިން މީހާ މިހާރު ވަނީ ދޫކޮށްލާފަ އެވެ.