ރިތިކް ރޯޝަން

އަހަރަކު ފިލްމަކަށްވުރެ ގިނައިން ކުޅެން ރިތިކް ބޭނުންވޭ

Jan 11, 2016

ދެހާސް ސާދަ ވަނަ އަހަރު ނިކުތް "ބޭންގް ބޭންގް"ގެ ފަހުން ރިތިކްގެ ފިލްމެއް ރިލީޒްނުވާތާ އަހަރެއްވެގެން ގޮސްފައިވާއިރު، އޭނާގެ ފިލްމެއް ރިލީޒްވުމުގެ އިންތިޒާރުގައި ތިބި މީހުން ވަކި މަދެއް ނޫނެވެ.

މިދިޔަ އަހަރު އެކީގައިހެން ރިތިކް ހޭދަކޮށްފައިވަނީ މިއަހަރުގެ ތެރޭގައި ރިލީޒްވުމަށް ހަމަޖެހިފައިވާ ޑައިރެކްޓަރު އާޝުތޯޝް ގޮވަރިކާގެ "މޮހެންޖޯ ޑަރޯ"ގެ މަންޒަރުތައް ނެގުމަށެވެ.

މިފިލްމުގެ މަންޒަރުތައް ރިތިކް ނަގަމުން އަންނަތާ އަހަރަކަށް ވުރެން ގިނަދުވަސްވެފައިވާއިރު، މިފިލްމަށް ގިނަ ވަގުތު ދޭން ޖެހުމުގެ ސަބަބުން އޭނާ އަށް އެހެނިހެން ފިލްމުތަކުން ލިބުނު ގިނަ ފުރުސަތުތަކެއް ވަނީ ދޫކޮށްލާފަ އެވެ. އެގޮތުން ނިކިލް އަދްވާނީގެ "ބާޒާރް" ރިތިކް އަށް ހުށަހެޅުމަށްފަހު ވަނީ އޭނާއަށް ވަގުތު ދެވެން ނެތުމުން މިހާރު އަކްޝޭ ކުމާރު ހަމަޖައްސާފަ އެވެ.

އިއްޔެ 42 ވަނަ އުފަންދުވަސް މިޑިއާ އާއެކު ފާހަގަކުރަމުން ރިތިކް ވަނީ 'މޮހެންޖޯ ޑަރޯ"ގެ މަންޒަރުތައް އެއްކޮށް ނަގައި ނިންމަން އަހަރެއް ވޭތުވެގެން ހިނގައްޖެ ކަމަށާއި އެހެންކަމުން މިއަހަރުން ފެށިގެން އަހަރަކު އެއްފިލްމަށް ވުރެން ގިނަ ފިލްމު ކުޅެން ބޭނުންވާ ކަމަށެެވެ.

މީގެކުރިންވެސް އަހަރަކު ރިލީޒްވެފައިވަނީ ރިތިކްގެ އެންމެ ފިލްމެކެވެ. އެގޮތުން މިދިޔަ އަހަރު އެއްކޮށް 'މޮހެންޖޯ ޑަރޯ"ގެ މަންޒަރުތައް ނެގުމުގައި އުޅެން ޖެހި، އިތުރު ފިލްމަކަށް ވަގުތު ދެވެން ނެތުމުން އޭނާ އެެއްވެސް ފިލްމެއް މިދިޔަ އަހަރު ރިލީޒްވެފައެއްނުވެ އެވެ.

"މިފިލްމަށް އަހަރަކަށް ވުރެން ގިނަދުވަސް ހޭދަކުރަން ޖެހުމުން މިހާރު އަހަރެން ވިސްނައިފިން އަހަރަކު އެއްފިލްމަށް ވުރެން ގިނަ ފިލްމު ކުޅުމަށް" ރިތިކް ބުނެފައިވެ އެވެ.

އިތުރަށް ރިތިކް ވަނީ މިހާރު ކުޅެމުން އަންނަ "މޮހެންޖޯ ޑަރޯ"ގެ މަސައްކަތް ކުރިއަށްދާ ގޮތާއި މެދު ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށާއި އޭނާ މިފިލްމާއި މެދު ފަހުރުވެރިވާ ކަމަށެވެ. އެންމެ ފުރަތަމަ އިންސާނުން ދުނިޔޭގައި އުޅެން ފެށި ދުވަސްވަރަށް ބިނާކޮށްފައިވާ މިފިލްމަކީ ހުރިހާ ގޮތަކުން ވެސް ވަރަށް ހާއްސަ ފިލްމެއް ކަމަށްވެސް ރިތިކް ވަނީ ބުނެފަ އެވެ.