ބޮލީވުޑް

ފިލްމުގައި ހޭން ރިތިކަށް އެހާ އުނދަގުލީ ކީއްވެ؟

ރިތިކް ރޯޝަން ފިލްމު ކުޅޭތާ އަދި ކެމެރާއަށް ކުރިމަތިލަތާ 21 އަހަރު ފާއިތުވެއްޖެ އެވެ. ނަމަވެސް ރިތިކް އެއްބަސްވާ ގޮތުގައި މިހާ ގިނަ ދުވަސްވީއިރު ވެސް އޭނާއަށް ސްކްރީނުގައި ކުރަން އުނދަގޫ ކަމެއް އެބައޮތެވެ. އެއީ ހުނުމެވެ.

ރިތިކް ހެނިކޮށް ހުރި ފޮޓޮއެއް އިންސްޓަގްރާމްގައި ޝެއާ ކުރަމުން އޭނާ ލިޔެފައިވާ ގޮތުގައި އޭނާއަށް ފިލްމު ކުޅޭއިރު އެންމެ އުނދަގުލީ ހޭނށެވެ. އެއީ ފެށުނީއްސުރެ މިހާތަނަށް ވެސް އޭނާއަށް އެންމެ އުނދަގޫ ކަންތަކެވެ. އަބަދުވެސް ހުންނަނީ ހާސް ކަމުގަ އެވެ. ނަމަވެސް ދިރިއުޅުމުގެ އުފާ ހާސިލު ކުރުމަށާއި ހިތްހަމަޖެހިލައިގެން ދިރިއުޅެން އޭނާ މިހާރު ދަސް ކުރަނީ ކަމަށް ރިތިކް ބުންޏެވެ.

ރިތިކްގެ މި ޕޯސްޓަށް އޭނާގެ "ސުޕަ 30" ގެ ކޯސްޓާ މުރުނާލް ޓާކޫރާއި ސެލެބްރިޓީ ހެއާސްޓައިލިސްޓް އާލިމް ހާން ކޮމެންޓު ފޮނުވާފައި ހުއްޓެވެ.

ރިތިކް އަކީ އަބަދުވެސް ވަރަށް ސީރިއަސް މީހެއްގެ ގޮތުގައި ގިނަ މީހުން ސިފަ ކުރެ އެވެ. އޭނާ ހީނ ސަކަރާތް ޖަހާތަން އާއްމު ދިރިއުޅުމުގައި ވެސް ވަރަށް ނުފެންނަ ކަމަށް ގާތް އެކުވެރިން ބުނެ އެވެ.

ރިތިކް ވަނީ ދޮށީ ދަރިފުޅު ރީހާން ރޯޝަންގެ 15 ވަނަ އުފަން ދުވަސް ދާދި ފަހުން ފާހަގަ ކޮށްފަ އެވެ. މިކަން ފާހަގަ ކުރުމުގައި ރިތިކްގެ މައިންބަފައިންގެ އިތުރުން ބައިވެރިވެފައި ވަނީ ކުރީގެ އަންހެނުން ސުޒާން ހާނެވެ.
ރި
ތިކް އާއި ސުޒާން 2014 ގައި ވަރިވުމަށްފަހު ވެސް އެ ދެ މީހުންނަށް ލިބިފައިވާ ދެ ދަރިން ބެލުމުގައި ދެ މީހުން ވަރަށް އެކުގައި އުޅެ އެވެ.

ރިތިކްގެ ފިލްމުތަކުގެ ތެރެއިން އެންމެ ފަހުން ރިލީޒްވީ 2019 ގައި ނުކުތް "ސުޕަ 30" އާއި "ވޯ" އެވެ. މިހާރު އިއުލާން ކޮށްފައިވާ ފިލްމަކީ ދީޕިކާ ޕަދުކޯން އާއެކު ކުޅޭ "ފައިޓާ" އެވެ.