މީރާ

މީރާ ފަޅާލައި ވައްކަންކުރި މީހާ ހައްޔަރުކޮށްފި

Sep 1, 2022

ދައުލަތަށް އެންމެ ގިނަ އާމްދަނީ ހޯދައިދޭ މައި އިދާރާ -- މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ފަޅާލައި ވައްކަން ކުރި މީހާ ހައްޔަރުކޮށްފި އެވެ.

މީރާ އޮފީސް ފަޅާލާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ އަށްވަނަ ދުވަހުގެ ރެ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން މީރާގެ އޮފިޝަލަކު ކުރިން ވިދާޅުވި ގޮތުގައި ވައްކަން ކުރި މީހާ އެ އޮފީހަށް ވަދެފައިވަނީ އޮފީހުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެންނެވެ. އަދި ވަގަށް ގެންދިޔަ ހަމައެކަނި އެއްޗަކީ މުވައްޒަފެއްގެ މޭޒުގެ ވަތްގަނޑެއްގައި އޮތް 25 ރުފިޔާ ކަމަށްވެސް ވިދާޅުވި އެވެ.

މީރާއަށް ވައްކަން ކުރަން ވަދެ އުޅުނު މީހުންގެ ހަރަކާތްތައް އެ އޮފީހުގައި ހުރި ސީސީޓީވީ ކެމަރާތަކަށް ވަނީ ރެކޯޑްވެފަ އެވެ.

މީރާ އިން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދަށް ކޯޓުން 45 ދުވަސް ޖަހައިދީފައިވާ ކަމަށް އެނގިފައިވެ އެވެ.

މީރާ އިން ވައްކަން ކުރި މީހަކީ މީގެކުރިން ޖުވެނައިލް ކޯޓާއި މޯލްޑިވިއަންގެ އޮފީސް ވެސް ފަޅާލައި ވައްކަންކޮށްފައިވާ މީހެކެވެ.

މީރާ އޮފީސް ފަޅާލި މީހާ އަކީ 2014 ވަނަ އަހަރު އިއްވި ހުކުމެއްގެ ބޮޑު ބައި ތަންފީޒު ނިމުމުން މިދިޔަ ޖުލައި 19 ދުވަހު މައާފްކޮށް މިނިވަން ކޮށްފައިވާ މީހެއް ކަމަށް މައުލޫމާތު ލިބެ އެވެ.

މީރާ އަކީ 24 ގަޑިއިރު ފުލުހުން ސެކިއުރިޓީ ބަލަހައްޓަމުންދާ ދައުލަތުގެ މުހިއްމު އިދާރާތަކުގެ ތެރޭގައި ހިމެނޭ އިދާރާ އެކެވެ.