އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް 2012 ވަނަ އަހަރުގެ ތެރޭގައި އެލަވަންސް ދިން އިރު، ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ދީފައިވާތީ އިތުރަށް ދިން ފައިސާ އެ ފަރާތްތަކުގެ އަތުް އަނބުރާ ހޯދުމަށް އޮޑިޓާ ޖެނަރަލް ލަފާ ދެއްވައިފި އެވެ.
މިދިޔަ ހަފްތާ އާންމު ކުރެއްވި ހެލްތު މިނިސްޓްރީގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގަިއ ބުނެފައި ވަނީ އެކަނިވެރި މައިންނަށް ފައިސާ އާއި އިނާޔަތް ދޫކުރަން ސަރުކާރުން ހަރުދަނާ އުސޫލެއް އެކުލަވާލައި އެކަން ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވީ ނަމަވެސް، އެ މިނިސްޓްރީން އެކަން ހަވާލުކޮށްފައިވާ އެންސްޕާއިން އެކަން ކޮށްފައިވަނީ އެއްވެސް އުސޫލަކާ ނުލައި ކަމަށެވެ. އެގޮތުން އެލަވަންސްގެ ގޮތުގައި އެ އަހަރުގެ ތެރޭގައި އިތުރަށް 12،000ރ. އެކި ފަރާތްތަކަށް ދޫކޮށްފައި ހުރި ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.
އެކަނިވެރި މައިންނަށް ކަނޑައަޅާފައި އޮތް ބަޖެޓަށްވުރެ އިތުރަށް ފައިސާ ހަރަދުވެފައިވަނީ، އެކަނިވެރި މައިން ބަލަހައްޓާ ކުދިންގެ ދަފްތަރު ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން، ބައެއް ކުދިންގެ ނަން ދަފްތަރުގައި ތަކުރާރުވެފައި ހުރުމުގެ ސަބަބުން ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެކަނިވެރި މައިންނަށް ދޭންވާ މިންވަރަށް ވުރެ ގިނައިން ފައިސާ ދޫކޮށްފައިވާ މައްސަލައެއް ހެލްތު މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޮޑިޓުންވެސް ފާހަގަވެފައިވެ އެވެ. އެއާ އެކު، އެ އަހަރު ވެސް ވަނީ، އެންސްޕާއިން އެކި ފަރާތްތަކަށް އިތުރަށް ދޫކުރި 29،000ރ. އެފަރާތްތަކުން އަނބުރާ އަތުލާފަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ އާއިލާތަކަށް ވެސް 2012 ވަނަ އަހަރު ވަނީ ކަނޑައަޅާފައި އޮތް ބަޖެޓަށްވުރެ އިތުރަށް 8،000ރ. ދޫކޮށްފައި ވެއެވެ. އަދި ކަނޑައެޅިފައިވާ އަދަދަށް ވުރެ އިތުރަށް ފައިސާ ދޫކުރުމުގެ ސަބަބުން އެ އަހަރުގެ ނޮވެމްބަރު މަހު އެ ފަރާތްތަކަށް އެ އެލަވަންސް ދުލެއް ނުކުރެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީ ފޯރުކޮށްދިނުމުގެ ގާނޫނުގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައަޅައި އެމީހުންގެ ދަފްތަރު ބަލަން ފެށުމާއެކު، އެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށް ވެސް، އެމީހަކު އެ ދަފްތަރުން އުނިކުރާ ދުވަހާ ހަމަޔަށް، މީލާދީ ކޮންމެ މަހަކު މަދުވެގެން 2000ރ. ގެ މާލީ އިނާޔަތެއް ސަރުކާރުން ދޭންޖެހޭ ކަމަށެވެ.
ދެހާސް ބާރަ ވަނަ އަހަރު ނިމުނު އިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެންސްޕާއިން 8،000ރ. އިތުރަށް ދީފައިވާތީ، އެ ފައިސާ އެފަރާތްތަކުން އަނބުރާ ހޯދުމަށާއި، ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ބެހޭ ދަފްތަރު އެކުލަވާލައި ގަވާއިދުން ބެލެހެއްޓުމަށް އޭޖީ ވަނީ ލަފާ ދެއްވާފަ އެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން ދައުލަތުން ބަލަހައްޓާ ފަރާތްތަކަށް އެންސްޕާއިން ދޭ އެލަވަންސް މިހާރުން މިހާރަށް ހުއްޓާލުމަށްވެސް އޭޖީ އަނިލް ވަނީ ލަފާ ދެއްވާފަ އެވެ.
ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ އެންސްޕާއިން ދޭ އެހެން ބައެއް ހިދުމަތަށް ބަލާއިރު، އެކުންފުނިން ދޭ ކަރަންޓް ސްބްސިޑީއަށް ވެސް 2012 ވަނަ އަހަރު ވަނީ ކަނޑައަޅާފައި އޮތް ބަޖެޓަށްވުރެ 28 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފަ އެވެ.
ސަބްސިޑީއަށް 2012 ވަނަ އަހަރު ކަނޑައެޅި ފައިނަލް ބަޖެޓަކީ، 339،737،087ރ އެވެ. އެއީ 2012 ވަނަ އަހަރު ސަބްސިޑީ އަށް މަޖިލީހުން ފާސްކުރި ބަޖެޓަށް ފިނޭންސް މިނިސްޓްރީން ގެނައި އުނި އިތުރަށްފަހު ފައިނަލް ކުރި އަދަދެވެ.
ރިޕޯޓްގައި އިތުރަށް ފާހަގަ ކުރި ގޮތުގައި ހާއްސަ ގޮތެއްގައި މިނިސްޓްރީގެ ދަށުން ބަލަހައްޓާ މާލީ ގިނަ މުއާމަލާތްތަކެއް ހިންގާފައިވަނީ އެފަދަ މުއާމަލާތްތަކާ ބެހޭގޮތުން ހުރި މިންގަނޑުތަކާއި ހިލާފަށް ކަމަށް ފާހަގަކޮށްފައިވެ އެވެ.