- ޕްރޮމޯޝަންގައި އޮޓަމެޓިން ބައިވެރިވެވޭ
- ޕްރޮމޯޝަންގެ މުއްދަތު އަންނަ މަހުގެ 29 ގެ ނިޔަލަށް
- އައި ފޯނާއި ސެމްސަންގްގެ ފަހުގެ ފޯނުތައް ލިބޭ
އާ އަހަރު ފެށުމުގެ މުނާސަބަތުގައި ދިރާގު ކަސްޓަމަރުންނަށް މި ފަހަރު ތަހުނިޔާ ފޮނުވަނީ ތަފާތު ގޮތަކަށެވެ. މި އަހަރު ދިރާގުން ފެށީ "ޕޯސްޓް ޕެއިޑް" ކަސްޓަމަރުންނަށް ކޮންމެ ދުވަހު ފޯނެއް ލިބޭ ޕްރޮމޯޝަނަކާއެކުގަ އެވެ.
"އާ އަހަރު މި ފަހަރު މި ފަށަނީ ކަސްޓަމަރުންނަށް ހަދިޔާއަކާއެކު. ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ފޯނެއް ލިބޭނެ،" ދިރާގުގެ ޕަބްލިކް ރިލޭޝަން މެނޭޖަރު އިމްޖާދު ޖަލީލު ވިދާޅުވި އެވެ.
ދިރާގުން މިއަދު ފެށި ޕްރޮމޯޝަންގައި ބައިވެރިވުމަށް ޕޯސްޓް ޕެއިޑް ކަސްޓަމަރުން ވަކިކަމެއް ކުރާކަށް ނުޖެހެ އެވެ. މި ހަދިޔާ ޕޯސްޓް ޕެއިޑް ހިދުމަތް ހޯދާ ކޮންމެ ކަސްޓަމަރަކަށް ވެސް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދަނީ އަންނަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.
"ސްމާޓް ފޯން ގިވް އަވޭ، އެވްރިޑޭ" ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ޕޯސްޓް ޕެއިޑް ކަސްޓަމަރުން އޮޓަމެޓިކުރަން ބައިވެރިވެވޭނެ އެވެ.
މި ޕްރޮމޯޝަންގައި ލިބޭ ފޯނުތަކުގެ ތެރޭގައި އެޕަލް އައިފޯން 6 އެސް އާއި އެޕަލް އައިފޯން 6 ޕްލަސް ހިމެނެ އެވެ. މީގެ އިތުރުން ސެމްސަންގް ގެލެކްސީ އެސް 6 އެޖް އާއި ސެމްސަންގް ގެލެކްސީ އެސް 6 އެޖް ޕްލަސްގެ ފޯނެއް ލިބޭނެ އެވެ.
މި ފޯނުތައް އަލަށް ދިރާގުގެ ހިދުމަތް ނަގާ ކަސްޓަމަރުންނާއި މިހާރު ހިދުމަތް ހޯދާ މީހުންނަށް ވެސް ލިބޭނެ އެވެ.
ދިރާގު މެނޭޖަރު މާކެޓިން އެންޑް ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މި ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވާނީ ގުރުއަތުން ކަމަށެވެ.
"ކޮންމެ ދުވަހަކުވެސް ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުލުން ބާއްވާނެ. މީގެ ތެރެއިން އެއް މީހަކަށް ފޯނު ލިބޭނީ. ފޯނު ލިބޭނީ ވަކި ތަރުތީބަކުން،" މިރުޝާން ވިދާޅުވި އެވެ.
ދިރާގުން ވަނީ މިދިޔަ އަހަރު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ 55 ޕަސެންޓަށް 4 ޖީގެ ހިދުމަތް ދީފައިވާއިރު، ތްރީޖީގެ ހިދުމަތުން މުޅިރާއްޖެ ވަނީ ގުޅާލާފަ އެވެ.