އަހުމަދު ނިހާން ހުސައިން މަނިކު

ފަސޭހައިން ނައިބު ރައީސް ވަކިކުރެވޭ ގޮތެއް ހޯދަންޖެހޭ: ނިހާން

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުންނަވާ ބޭފުޅަކާމެދު ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ގެއްލިއްޖެނަމަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ފަސޭހައިން މަގާމުން ވަކި ކުރެވޭނެ ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

އަވަސް އިން މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވައި ނިހާން ވިދާޅުވީ ނައިބު ރައީސް މަގާމުން ވަކި ކުރަން މިހާރު އޮންނަ އުސޫލަކީ ބައެއް ފަހަރު އުނދަގޫ އުސޫލަކަށްވާ ކަމަށާއި ބައެއް ސަރުކާރުތަކަށް އެކަން ނުކުރެވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"މިހާރު މިއޮންނަ އުސޫލަކީ ރައްޔިތުންގެ މަޖިލީހުގެ ތިން ބައި ކޮށްފައި ދެބައި މެމްބަރުންގެ ވޯޓު ހޯދަންޖެހޭ. އެވަރު ކުރުމަކީ ކޮންމެ ކޮންމެ ސަރުކާރަކަށް ފަސޭހަ ކަމެއް ނޫން،" ނިހާން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ތަންކޮޅެއް ކުޑަ ނިސްބަތަކުން ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރެވޭނެ ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށެވެ.

ނިހާން ވިދާޅުވީ މިވާހަކަ އޭނާ މީޑިއާގައި ދައްކަވާފައިވީ ނަމަވެސް އެވާހަކަ އަދި ޕާޓީގެ އިސް ފަރާތްތަކާއި ދައްކާފައި ނުވާނެ ކަމަށާއި އެ ހިޔާލު ޕާޓީގެ ކައުންސިލަށް ހުށަހަޅަން އޭނާ ނިންމާފައިވާ ކަމަށެވެ.

"މި ހިޔާލަކީ އަދި އަޅުގަނޑުގެ ބޮލުގައި އިން ހިޔާލެއް. މި ހިޔާލު ޕާޓީގެ ކައުންސިލަށާއި އިސް ފަރާތްތަކަށް ހުށަހަޅާނަން. ޕާޓީގެ ކައުންސިލަށް މިހިޔާލު ހުށަހަޅާނީ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންނާއި މަޝްވަރާކޮށް އެބޭފުޅުންނާއި ބައްދަލުކުރުމަށްފަހު،" ނިހާން ވިދާޅުވި އެވެ.

މީގެ ތިން މަސް ދުވަސް ކުރިން ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވަނީ ރާއްޖޭގައި ނައިބު ރައީސްގެ މަގާމަކީ ރާއްޖެ އަށް ބޭނުން މަގާމެއްތޯ ވިސްނަންޖެހިއްޖެ ކަމަށާއި ރާއްޖޭގައި ނައިބު ރައީސް ކަމުގެ މަގާމުގެ ވާހަކަ ދައްކަން ބިރުގަންނަ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.

" ނައިބު ރައީސްގެ މަގާމަކީ ރާއްޖޭގެ މި މިނިވަން ޑިމޮކްރެޓިކް ވެއްޓަށް ފިޓް ނޫން މަގާމެއް ކަމާމެދު ސީރިއަސް ސިފައެއްގަ ގަބޫލުކުރެވޭ ހިސާބަށް މިކަން ހިނގައްޖެ،" އެޕްރޮގްރާމްގައި ނިހާން ވިދާޅުވެފައިވެ އެވެ.