އޮބިޗުއަރީ

މިނިވަން ރާއްޖޭގެ ފުރަތަމަ ޕާސްޕޯޓް ލިބުނު ބޭފުޅާ އަވަހާރަވެއްޖެ

Sep 5, 2022

އިނގިރޭސީންގެ އަތްދަށުން 1965 ވަނަ އަހަރު ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމުން ދިވެހި ޕާސްޕޯޓް ލިބުނު ފުރަތަމަ ދިވެހި ބޭފުޅާ -- ތ. ދިޔަމިގިލީ، ވައިޖެހޭގެ، ހުސައިން ހަސަން މަނިކު މިއަދު އަވަހާރަވެއްޖެ އެވެ.

ހުސައިން އަވަހާރަވީ ދިޔަމިގިލީ ހެލްތު ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު އެވެ. ހެލްތު ސެންޓަރަށް ރޭ ދަންވަރުގެ ވަގުތެއްގައި ގެންދިޔައީ ހާލުކޮޅު ސީރިއަސްވުމުންނެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ދިޔަމިގިލީ ކައުންސިލްގެ ރައީސް އަދި ހުސައިން އަށް ބޮޑުބޭބެ ވިދާޅުވާ އަހްމަދު މޫސާ ވިދާޅުވީ ހުސައިން މުސްކުޅިބަލީގައި އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެެ.

ހުސައިން މިއަދު އަވަހާރަވީ 81 އަހަރުފުޅުގައި ކަމަށް ރަށު ކައުންސިލުން މައުލޫމާތު ދިން ނަމަވެސް ހުސައިން އަށް އެންމެ ފުރަތަމަ ދޫކުރި ޕާސްޕޯޓްގައިވާ ތާރީހާއި ކައުންސިލުން ބުނާ ތާރީހް ދިމައެއް ނުވެ އެވެ.

ހުސައިން އަށް އެންމެ ފުރަތަމަ ދިވެހި ޕާސްޕޯޓް ލިބިވަޑައިގަތީ ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ސޯސަންވިލާގައި، ދިވެހި ކިޔަވާ ކުދިންގެ ކަންކަން ބަލަހައްޓަން ހުންނެވި ބޭފުޅަކު، ދުވަސް ކޮޅަކަށް މާލެ ވަޑައިގަންނަވާތީ އޭނާގެ ބަދަލުގައި ހުސައިން ލަންކާ އަށް ފޮނުއްވުމަށް އޭރުގެ ހޯމް މިނިސްޓަރު އަދި ހުސައިންގެ ގާތް ރަހްމަތްތެރިޔާ ކަރަންކާ އިބްރާހީމް ރަޝީދު ނިންމެވުމާ ގުޅިގެންނެވެ.

"އެއް ދުވަހަކު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެ ހުސައިން އޭ ކޮޅުނބަށް ދާން ކެރިދާނެހޭ، އަޅުގަނޑު އާނއެކޭ ދެންނެވުމުން ވިދާޅުވެއްޖެ މާދަމާ ދާށޭ ނެދުންގެއަށް ޕާސްޕޯޓްގައި ޖަހަން ފޮޓޯއެއް ނަންގަން،" ކުރީގެ ހަދާންތައް އާކުރައްވަމުން ހުސައިން މަނިކު ކުރިން އަވަސް އަށް ވިދާޅުވެފައިވެ އެވެ.

ހުސައިން ޕާސްޕޯޓް ހެއްދެވީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ ގާތްގަނޑަކަށް ހަތަރު މަސް ފަހުން ޑިސެމްބަރު 12، 1965 ގައެވެ. ހުސައިން އަށް ދޫކުރި ޕާސްޕޯޓް ނަންބަރަކީ އޭ-0001 އެވެ. ޕާސްޕޯޓާ އެކު އޭރު އޭނާ ލަންކާ އަށް ވަޑައިގަތީ ލަންކާއާއި ރާއްޖެއާ ދެމެދު އޭރު ދަތުރުކުރަން ބޭނުންކުރި "އަދަރަންފަރު" ބޯޓުގަ އެވެ.

ހުސައިން ވަނީ ދިޔަމިގިލީ ސްކޫލުގެ ނާޒިރުކަމާއި އެރަށުގެ ކުޑަކަތީބު ކަމާއި ބޮޑުކަތީބު ކަން ކުރައްވާފަ އެވެ. ދިވެހި ދައުލަތަށް 40 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވެ އެވެ.

ހުސައިންގެ ކަށުނަމާދާއި ޖަނާޒާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަދު މެންދުރުފަހު 2:00 ޖަހާއިރު ދިޔަމިގިލީގަ އެވެ.