މިސަރުކާރުން ކުރިއަށް ގެންދާ އިގްތިސާދީ އެޖެންޑާ އަކީ ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން އެންމެ ފުޅާކޮށް ކުރިއަށް ގެންދެވޭނެ މަސައްކަތްތައް ކަމަށާއި އެކަމުގެ ނަތީޖާ މާލަސްތަކެއް ނުވެ ފެންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތ. ދިޔަމިގިލީ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި މިހާތަނަށް އެއްވެސް ސަރުކާރަކުން ކޮށްފައި ނުވާ ކަހަލަ ބޮޑެތި އިގްތިސާދީ މަސައްކަތްތަކެއް މިސަރުކާރުން މިހާރު ވަނީ ފަށާފައި ކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އާ ވިޔަފާރިތައް ފެށި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު އާރޯކަން ލިބި އިތުރު ވެންސްޓްމަންޓްތަކަށް ފުރުސަތު ލިބިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
"އެހެންވީމާ އެ ދުވަސް އަޅުގަނޑުމެންނާ ވަރަށް ގާތުގައި އެބައޮތް. އަޅުގަނޑަށް އެކަން އެބަފެނޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ބޭނުންވަނީ ގައުމުގެ ފުދުއްތެރިކަން ކޮންމެ ރައްޔިތަކަށްވެސް ލިބިގެން ދިއުން ކަމަށާއި އަދި ކޮންމެ ރައްޔިތަކީވެސް އިގްތިސާދީ ބާރުވެރިކަން ހުރި މީހަކަށް ވުމަށް ކަމަށެވެ.
އެއްވެސް ކަމެއް ކޮށްދެވޭނެ ކަމަށް ވިދާޅުވާނީ އެކަމެއް ކޮށްދެވެން ހުރި ގޮތްތައް ބެލުމަށްފަހު ކަމަށާއި ކަމަކަށް ކަމެއް ކުރާ އުސޫލުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގައި ވިދާޅުވި އެވެ. އަދި ދިޔަމިގިއްޔާ ރާއްޖޭގެ އެހެން ރަށްތަކަށް ވެސް އެމަނިކުފާނު ވައުދެއް ވެވަޑައިގެންފައިވާނަމަ އެކަމަކަށް ޒިންމާވެ އެކަމެއް ކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ދިޔަމިއްޔާއި މަޑިފުށި ގުޅާލުމަކީ އެ ދެ ރަށުގެ ރައްޔިތުން އެންމެ ބޮޑަށް އެދޭ އެއް މަޝްރޫއު ކަމަށާއި އަދި އެއީ އެމަނިކުފާނުގެ ރިޔާސީ ވައުދަކަށް ވާތީ އެ މަޝްރޫއު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މިއަދު ވަނީ ދެއްވާފަ އެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއު ފެށޭނެ ވަކި ތާރީހެއް މިވަގުތު ދަންނަވަން ދަތި ކަމަށާއި އިގްތިސާދީ ހާލަތު ރަނގަޅުވާނަމަ މިއަހަރުވެސް ފެށިދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ގައުމުގެ އިގްތިސާދީ ހާލަތު ވަކިން ހާއްސަކޮށް ދަރަނީގެ ހާލަތު ރަނގަޅު ކުރަން ކަމަށެވެ. އެކަން ހަމައަކަށް އެޅުވުމަށް މިސަރުކާރުން ކުރަން ނިންމާފައިވާ މަސައްކަތްތައް ބައިނަލްއަގްވާމީ މާލީ އިދާރާތަކުންވެސް ގަބޫލުކުރާ ކަމަށާއި އެހެންކަމުން ހާލަތު ބަދަލުކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނަކީ ތަރައްގީގެ ވީހާވެސް ގިނަ މަޝްރޫއުތަކެއް ފަށައި ބާރަށް ގެންގޮސް ނިންމާލުމަށް ބޭނުންވާ ބޭފުޅެއް ކަމަށެވެ. އެކަމަކު އެކަން ކުރެވޭނީ ގައުމަށް މިއަދު ކުރިމަތިވެފައި އޮތް އިގްތިސާދީ ދަތި ހާލަތުގެ ހަގީގަތް ގަބޫލުކޮށް އެންމެން ގުޅިގެން ކަމަށްވެސް ވިދާޅުވި އެވެ.