ލައިފްސްޓައިލް

ގިނައިން ހެލެނބެލި ކެއުން ރަނގަޅުތަ؟

ހެލެނބެލި އަކީ އޭޝިއާ، މެކްސިކޯ އަދި ކެރީބިއަންގައި ރޮލާ ކެއުމަށާއި ކެއްކުމުގައި ބޭނުންކުރާ ހުތް އަދި އެކަމަކު ކުޑަކޮށް ފޮނި ކަމެއްވެސް ހުންނަ މޭވާއެކެވެ. ދިވެހީން ހެލެނބެލި ބޭނުންކޮށްގެން މަޖާ ހަދަ އެވެ. ޖޫސް ހަދަ އެވެ. ރިހާކުރާއި މިރުހާ އެކު މޮޑެގެންވެސް ކައި އުޅެ އެވެ. ނަމަވެސް މިހާރު ޑެންޓިސްޓުން ބުނާ ގޮތުގައި ހެލެނބެލި ގިނައިން ކެއުމަކީ އެހާ ރަނގަޅުކަމެއް ނޫނެވެ.

ހެލެނބެލީގެ ފައިދާތައް

ހެލެނބެލީގައި ވިޓަމިން ބީ1 (ތިއަމިން)، ވިޓަމިން ބީ3 (ނިއަސިން)، ޕޮޓޭސިއަމް، މެގްނީޒިއަމް، ފޮސްފޯރަސް އަދި އަޔަން ފަދަ ފައިދާތައް ހިމެނެ އެވެ.

ހެލެނބެލީގައި އެންޓިއެކްސިޓެންޑްސް ހިމެނި އޭގެ ސަބަބުން ސިކުނޑީގެ ސިއްހަތް ރަނގަޅުކުރުމުގެ އިތުރުން ދިފާއީ ނިޒާމް، ފްރީ ރެޑިކަލްސްގެ ސަބަބުން ލިބޭ ގެއްލުން ތިރިކުރެ އެވެ. ހިތާއި މެއި ރައްކާތެރިކުރުމަށް އެހީތެރިވުމުގެ އިތުރުން، ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ ކަމަށްވެސް ބައެއް މީހުން ދެކެ އެވެ.

މީގެ އިތުރުން ހެލެނބެލީގައި ފައިބާ ހުރުމުން ކާއެއްޗެތި ހަޖަމުކުރުމަށް އެހީތެރިވެދެ އެވެ. އަދި ހަކުރު ބަލި ހުންނަ މީހުންނަށް އެހީތެރިވެދީ، އޭގައި އެކުލެވޭ އެންޓިހިސްޓަމައިން ޕްރޮޕަޓީޒްގެ ސަބަބުން އެލާޖީއާ ގުޅިގެން ނޭވާ ހިއްލާ އަދި ކެއްސާ މީހުންނަށް ލުއި ލިބެ އެވެ.

ހެލެބެލީން ލިބޭ ގެއްލުން

ހެލެނބެލިން ގިނަ ފައިދާތަކެއް ލިބުނަސް، ގިނައިން މި މޭވާ ކެއުމުން ބައެއް ކަހަލަ ނޭދެވޭ އަސަރުވެސް ކުރެ އެވެ.

ހެލެނބެއްޔަކީ ޕީނަޓް ފަދައިން ބައެއް މީހުން އެލާޖިކްވާ މޭވާ އެކެވެ. ހެލެނބެލިން ބްލަޑް ޝުގާ ލެވެލް ތިރިކޮށްދޭތީ، ހަކުރު ބަލި ހުންނަ މީހުން ހެލެނބެލި ކާން ވާނީ ބަލައިގެންނެވެ. ހަމަ އެފަދައިން ހެލެނބެލީގައި ޓާޓަރިކް އެސިޑާއި ސިޓްރިކް އެސިޑް ފަދަ އެސިޑްތައް ހިމެނޭތީ، މި މޭވާ ގިނައިން ކެއުމުން އެސިޑް ރިފްލަކްސްވުން އެކަށީގެންވެ އެވެ. ހާއްސަކޮށް ގޭސްޓްރިކް މައްސަލަތައް ހުންނަ މީހުންނަށް މީގެ ސަބަބުން އުދަނގޫތައް ކުރިމަތިވެ އެވެ. އަދި މި މޭވާ ގިނައިން ކެއުމުން ބައެއް މީހުން ބޭރަށް ހިންގަ އެވެ.

މީގެ އިތުރުން ހެލެނބެލީގައި ހިމެނޭ އެސިޑް ތަކާ ގުޅިގެން ދަތްތަކުގައި ހުންނަ އެނަމަލްތައް ފިލުވާލައި (އެސިޑް އިރޯޝަން) ދަތްތައް ހަލާކުވެ އެވެ. އެނަމަލް އަކީ ދަތް ހިމާޔަތްކުރުމުގެ ގޮތުން ދަތުގައި ވަށައިގެން ލެވިފައިވާ ބޯ ތޮށިގަނޑެވެ. އެނަމަލް ފިލައިގެން ދިއުމުން، ދަތްތައް ސެންސިޓިވް ވެއެވެ. މީގެ ސަބަބުން ފިނި ހޫނު ނޫނީ ހުތް އެއްޗެއް ކެއުމުން ނުވަތަ ބުއިމުން، ދަތަށް ކަރަންޓު ޝޮކެއް ފަދަ ތަދު އިހްސާސް ކުރެވިގެންދެ އެވެ. ދެން އެ ދަތް ނުވަތަ ދަތްތައް ރަނގަޅުކުރުމަށް ސެންސިޓިވް ދަތް އުނގުޅާ ބޭސް ބޭނުންކޮށް، ޑެންޓިސްޓަށް ގޮސް އަގު ބޮޑު އަދި ވޭން ދެނެވި ކަންތައްތައް ކުރަންޖެހެ އެވެ. އެހެންކަމުން ގިނައިން ހެލެނބެލި ކެއުމުގައި ސަމާލުވާންޖެހެ އެވެ.