ޖަރުމަނު ލީގުގައި ބަޔާން މިއުނިކް ޖެހިޖެހިގެން ތިން ވަނަ މެޗުން އެއްވަރުވެއްޖެ އެވެ.
ރޭ އަމިއްލަ ދަނޑުގައި އެޓީމުން ވީއެފްބީ ސްޓަޓްގާޑްއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވީ 2-2 އިންނެވެ.
ލީގުގައި މިދިޔަ މަހުގެ ފަހުކޮޅު ބޮރޫޝިއާ މޮންޗެންގްލަދްބާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަޔާން އެއްވަރުވީ 1-1 އިންނެވެ. އޭގެފަހުން ޔޫނިއަން ބާލިންއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު ވެސް ނިމުނީ 1-1 އިންނެވެ.
ޖަރުމަނު ލީގުގެ އެންމެ ކުރީގައި އޮތް ހަތަރު ޓީމަށް ވެސް ލިބިފައިވަނީ 12 ޕޮއިންޓެވެ. ގޯލުގެ ތަފާތުން ބަޔާނަށް އެއްވަނަ ލިބޭއިރު ދެ ވަނައިގައި އޮތީ ހޮފެންހައިމް އެވެ. އެޓީމުން ވަނީ ރޭ އަމިއްލަ ދަނޑުގައި 1-4 އިން މެއިންޒް ބަލިކޮށްފަ އެވެ.
ބަޔާން އާއި ހޮފެންހައިމް އިން ހަ މެޗު ކުޅެފައިވާއިރު ތިންވަނައިގައި އޮތީ ފަސް މެޗު ކުޅެފައިވާ ފްރެއިބާގް އެވެ. މިރޭ އަމިއްލަ ދަނޑުގައި މޮންޗެންގްލަދްބާ ބަލިކޮށްގެން ފްރެއިބާގަށް އެއްވަނަ އަށް އެރޭނެ އެވެ. ތާވަލުގެ ހަތަރު ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑް ރޭ ވަނީ ރަށުން ބޭރުގައި އާރުބީ ލައިޕްޒިގް އަތުން 0-3 އިން ބަލިވެފަ އެވެ.
ރޭގެ މެޗުގައި ބަޔާންގެ ފުރަތަމަ ގޯލު 36 ވަނަ މިނެޓުގައި ޖެހީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ޒުވާން ކުޅުންތެރިޔާ މެތިސް ޓެލް އެވެ. މި ގޯލާ އެކު އުމުރުން 17 އަހަރުގެ ޓެލް ވެފައިވަނީ ބަޔާންގެ ތާރީހުގައި ލީގުގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.
ސްޓަޓްގާޑުން ފުރަތަމަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކުރީ 57 ވަނަ މިނެޓުގައި ކްރިސް ފޫރިޗް ޖަހައިދިން ގޯލުންނެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ޖަމާލް މުސިއޭލާ ޖެހި ގޯލުން ބަޔާނުން އަލުން ލީޑު ނެގި އެވެ. ބަޔާން މޮޅުވާން ދަނިކޮށް ސްޓަޓްގާޑުން ޕޮއިންޓެއް ކަށަވަރުކުރީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް، ސެހްރޫ ގުއިރާސީ އެވެ.
ބަޔާން އަތުން ހޯދި ޕޮއިންޓާ އެކު ސްޓަޓްގާޑް ވަނީ ލީގުގެ 13 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ލީގުގައި ބަޔާނުން ދެން ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ނުކުންނާނީ އޯގްސްބާގްއާ ދެކޮޅަށެވެ.