ބުންޑެސްލީގާ

ބަޔާން އަށް މޮޅެއް، ލެވަންޑޮސްކީ އަށް ރެކޯޑެއް

ބުންޑަސްލީގާގައި ރޭ ކުޅުނު މެޗުން ބަޔާން މިއުނިކް ބޮޑު ތަފާތަކުން މޮޅުވެއްޖެ އެވެ.

ބަޔާންގެ އެލްއެންޒް އެރީނާގައި ހާތާ އާއި ބައްދަލުކުރި މެޗުން ބަޔާން މޮޅުވީ 5-0 ގެ ބޮޑު ތަފާތަކުންނެވެ. މި މެޗުގައި ބަޔާންގެ ފޯވާޑު ރޮބާޓް ލެވަންޑޯސްކީ ވަނީ ހެޓްރިކެއް ހެދުމުގެ އިތުރުން ޓީމުގައި ރެކޯޑެއް ވެސް ހަދާފަ އެވެ.

އުމުރުން 33 އަހަރުގެ ލެވަންޑޮސްކީ ވަނީ 333 މެޗު ބަޔާނަށް ކުޅެދީ އޭނާގެ 300 ވަނަ ގޯލު ބަޔާނަށް ކާމިޔާބު ކޮށްދީފަ އެވެ. ރޭގެ މެޗުގައި ލެވަންޑޮސްކީ ހެދި ހެޓްރިކާއި އެކު މިހާރު އޭނާ ވަނީ ބަޔާނަށް 301 ގޯލު ޖަހައިދީފަ އެވެ. އަދި ބަޔާން އެންމެ ފަހުން ކުޅުނު 16 މެޗުގައި ވެސް ގޯލު ޖަހައި ލެވަންޑޮސްކީ ވަނީ ބަޔާނުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ސްކޯ ކުރި ކުޅުންތެރިޔާގެ ރެކޯޑު ހަދާފަ އެވެ.

މީގެ ކުރިން ބަޔާނަށް ޖެހިޖެހިގެން އެންމެ ގިނަ ގޯލު ޖަހައިދީފައިވަނީ ދާދި ފަހުން މަރުވި އެޓީމުގެ ލެޖެންޑް ޖާޑް މުލާ އެވެ.

މުލާ ވަނީ 1970 ވަނަ އަހަރު އެޓީމަށް ޖެހިޖެހިގެން 15 މެޗުގައި ގޯލު ޖަހައިދީފަ އެވެ.

ރޭގެ މެޗުގައި ލެވަންޑޮސްކީގެ އިތުރުން އެޓީމަށް ގޯލުތައް ޖަހައިދީފައި ވަނީ ތޯމަސް މުލާ އާއި ޖަމާލް މުސިއަލާ އެވެ.

އެންމެ ފަހުން ބަޔާން ކުޅުނު ދެ މެޗުގައި އެޓީމު ވަނީ 17 ގޯލު ޖަހާފަ އެވެ. އެއީ ދާދި ފަހުން ޖަރުމަނު ކަޕުގައި ފަސްވަނަ ޑިވިޝަނުގެ ބްރެމާ ކޮޅަށް ޖެހި 12 ގޯލާއި ރޭގެ މެޗުގައި ހާތާ ކޮޅަށް ޖެހި ފަސް ގޯލުންނެވެ.