ކުޅިވަރު

ކިމިޗް ފަހު ވަގުތު ބަޔާން ސަލާމަތްކޮށްދީފި

ޖަރުމަނު ލީގުގައި ރޭ އެފްސީ ކޮލޯންއާ ވާދަކުރި މެޗުން ބަލިވާން ދަނިކޮށް ފަހު މިނެޓުގައި ޖޯޝުއާ ކިމިޗް ޖެހި ގޯލާ އެކު ބަޔާން މިއުނިކުން ޕޮއިންޓެއް ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި ކޮލޯންއާ ދެކޮޅަށް ބަޔާން ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ބަޔާން އެންމެ ފަހުން މެޗަކުން ބަލިވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ކޮލޯން އިން ވަނީ ގޯލު ޖަހައި ބަޔާނަށް ސިހުން ގެނުވައިފަ އެވެ. މި ގޯލު ކާމިޔާބުކޮށްދިނީ އެލީސް ހިރީ އެވެ. އޭގެފަހުން ބަޔާނުން ވަނީ ކުޅުން ރަނގަޅުކޮށް ކޮލޯންގެ ޑިފެންސަށް ބާރުބޮޑު ކޮށްފަ އެވެ. އެކަމަކު އެޓީމަށް ނަތީޖާ ހަމަހަމަކުރެވުނީ މެޗުގެ ފަހު ވަގުތު އެވެ. 90 ވަނަ މިނެޓުގައި ކިމިޗް ބަޔާނަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑަޔޮޓް އުޕަމެކާނޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ލީގުގައި ބަޔާންއާ ވާދަކުރަމުން އަންނަ އާރުބީ ލައިޕްޒިގް ރޭ ވަނީ ރަށުން ބޭރުގައި 6-1 އިން ޝާލްކޭ ބަލިކޮށްފަ އެވެ. އެހެން މެޗުތަކަށް ބަލާއިރު އަމިއްލަ ދަނޑުގައި ހާތާ ބާލިން ވަނީ ވުލްފްސްބާގްއާ ވާދަކޮށް 5-0 އިން ބަލިވެފަ އެވެ. ހޮފެންހެއިމް އާއި ސްޓަޓްގާޑް ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ޖަރުމަނު ލީގުގެ އެއްވަނައިގައި ބަޔާން އޮތީ ހަތަރު ޕޮއިންޓުގެ ލީޑެއްގަ އެވެ. 17 މެޗުން ބަޔާނަށް 36 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ލައިޕްޒިގަށް 17 މެޗުން ލިބިފައިވަނީ 32 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ފްރެންކްފާޓް އާއި ހަތަރު ވަނައިގައި އޮތް ޔޫނިއަން ބާލިން ވަނީ 30 ޕޮއިންޓް ހޯދާފަ އެވެ.