ފީފާ ވޯލްޑް ކަޕަށް ފަހު ޖަރުމަނު ލީގުގެ ކުޅުން އަލުން ފެށިއިރު ރޭ ރަށުން ބޭރުގައި ބަޔާން މިއުނިކުން އާރުބީ ލައިޕްޒިގާ ވާދަކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
ޖަރުމަނު ލީގަކީ ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ވޯލްޑް ކަޕަށް ބްރޭކަށް ފަހު އެންމެ ފަހުން ފެށި ލީގެވެ. 18 ޓީމު ވާދަކުރާ ލީގުގެ ކުޅުން އަލުން ފެށީ 68 ދުވަސް ފަހުންނެވެ. ވޯލްޑް ކަޕަށް ޖަރުމަނު ލީގުގެ ކުޅުން މެދުކަނޑާލީ ނޮވެމްބަރު 13 ވަނަ ދުވަހު އެވެ.
އަލުން ކުޅުން ފެށިއިރު ބަޔާންގެ ތަޖުރިބާކާރު ގޯލްކީޕަރު މަނުއެލް ނޯޔާ އަށް އަނިޔާވެ މި ސީޒަނުގައި ދެން ނުކުޅެވޭނެކަން ވަނީ ކަށަވަރުވެފަ އެވެ. ނޯޔާ ނެތްތައް ފޫބައްދަން ބަޔާނުން ވަނީ ބޮރުޝިއާ މޮންޗެންގްލަދްއާ އަށް ކުޅެމުން އައި ޔަން ސޮމާ ގެނެސްފަ އެވެ. 8.3 މިލިއަން ޕައުންޑަށް ގެނައި ސޮމާ އަކީ ޕޮލެންޑުގެ ގައުމީ ޓީމުގެ އެއް ނަންބަރު ކީޕަރެވެ.
މެޗުގައި ބަޔާންގެ ހަމައެކަނި ގޯލު 37 ވަނަ މިނެޓުގައި ޖެހީ އެރިކް މެކްސިމް ޗުޕޯ މޯޓިން އެވެ. މިއީ ސާޖް ގްނަބްރީ ދިން ޕާހަކުން ޗުޕޯ މޯޓިން ޖެހި ގޯލެކެވެ. މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ޗުޕޯ މޯޓިން ވަނީ މި ސީޒަނުގައި 12 ގޯލު ޖަހައިފަ އެވެ. މިއީ އޭނާގެ ކެރިއަރުގައި ގޯލް ރެކޯޑް އެންމެ ރަނގަޅު ސީޒަނެވެ.
ލައިޕްޒިގް ނަތީޖާ ހަމަހަމަކުރީ މާސެލް ހަލްސްޓެންބާގް 52 ވަނަ މިނެޓުގައި ޖެހި ލަނޑުންނެވެ. މެޗުގައި ގްނަބްރީ ޖެހި ބޯޅައެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ލިއޮން ގޮރެޓްޒްކާ ޖެހި ގޯލެއް އޮފްސައިޑް ވުމުން ވަނީ ކެންސަލްކޮށްފަ އެވެ.
އިތުރު ވަގުތުގައި ބަޔާންގެ ތޯމަސް މުލާ އަށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބުނެވެ. އެކަމަކު 20 ޔާޑު ކައިރިން ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.
ޖަރުމަނު ލީގުގެ އެއްވަނައިގައި ބަޔާނަށް ލިބިފައިވަނީ ފަސް ޕޮއިންޓުގެ ލީޑެކެވެ. އެޓީމަށް 16 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ފްރެއިބާގަށް 15 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ. ލައިޕްޒިގް އޮތީ 29 ޕޮއިންޓާ އެކު ތިންވަނައިގަ އެވެ.